ފާޑުކިޔަސް މި ލޯތްބަކަށް ބަދަލެއް ނައި!

ސިޔާސީ ދާއިރާއިން އަބަދު ވެސް ފެންނަ މޫނަކީ އެ ދެބެންގެ ތެރެއިން ދުންޔާ މައުމޫނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ ތެރެއިން އާއްމުން އެންމެ ބޮޑަށް ދަންްނަ މޫނަކީ ވެސް އެއީ އެވެ. އެއާޚިލާފަށް، އެއްމާބަނޑު ކޮއްކޯފުޅު، ޔުމްނާ މައުމޫނަކީ ސިޔާސީ ގޮތުން މީގެ ކުރިން މާ ހަރަކާތްތެރި ބޭފުޅެއް ނޫނެވެ.


އެކަމަކު އެއީ މިދިޔަ އަހަރާ ހަމައަށެވެ. ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީނާއި ބައްޕާފުޅާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުން ތަކުގައި ޔުމްނާ ނެންގެވީ ބައްޕާފުޅުގެ ފަޅި އެވެ. އޭރު އޭނާ ހުންނެވި، އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުކަމުގެ މަގާމު ދޫކޮށްލައްވައި، ސަރުކާރަށް ފާޑުވިދާޅުވާން ފެށި އެވެ.

އެކަމަކު ފޮރިން މިނިސްޓަރުގެ މަގާމާއެކު އޭރު ދުންޔާ ހުންނެވީ ހަނެވެ. އާއިލާތެރޭގައި ހަމަނުޖެހުން ބޮޑުވެ، ބައްޕާފުޅާއި ކޮއްކޮ، ފާރިސް މައުމޫނާއި ޔުމްނާގެ ފިރިކަލުން، މުހައްމަދު ނަދީމް ޖަލުގެ ގޮޅިއަށް ފައްތާލި އިރު ވެސް، ދުންޔާ ހުންނެވީ ސަރުކާރުގަ އެވެ.

ގިނަ ބަޔަކު ދުށީ މިހެންނެވެ. އެއްމާބަނޑު ދެ ބޭފުޅުން ނަމަވެސް، އެ ދެބެންގެ މެދުގައި މިހާރު މާބޮޑު ގުޅުމެއް ނޯންނާނެ އެވެ. އެންމެ ކުޑަމިނުން، އަނގައިން ވެސް ވިދާޅުނުވާނެ އެވެ.

ރިޝްވަތުގެ ތުހުމަތުގައި ޖަލަށް ލެއްވި ބައްޕާފުޅާއި ކޮއްކޮ އަދި ޓެރަރިޒަމްގެ ތުހުމަތުގައި ޖަލުގައި ހުންނެވި ފިރިކަލުން ސަލާމަތް ކުރެއްވުމަށް، ޔުމްނާ ކުރެއްވި ހަނގުރާމައިގެ ސަބަބުން ހީރޯއަކަށް އޭނާވެ ވަޑައިގެންނެވި އެވެ. ޖަލަށް ވަޑައިގަންނަވައި އެ ބޭފުޅުންނާ ގަވައިދުން ބައްދަލު ކުރެއްވި އެވެ. އެ ބޭފުޅުންގެ ޝަކުވާތައް، ކަމާ ބެހޭ އިދާރާތަކާއި އާއްމުންގެ ސަމާލު ކަމަށް ގެންނެވި އެވެ. އެ ބޭފުޅުންގެ ދިފާއުގައި ކުރި މުޒާހަރާތަކުގައި ބައިވެރިވެ ވަޑައިގެން، ބޮޑުބޭބޭފުޅާއި ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވި އެވެ.

ސަރުކާރު ދޫކުރައްވައި، އާއިލާގެ ދިފާއުގައި މިއަދު ދުންޔާ ހުންނެވި ނަމަވެސް، އޭނާއަށް އަމާޒުވާ ފާޑުކިޔުންތައް މަދެއް ނުވި އެވެ. ހާއްސަކޮށް، ކޮއްކޮ ޔުމްނާއާ ގުޅޭގޮތުން ޓްވީޓެއްކޮށްލައިފި ނަމަ، އޭނާއާ ދެކޮޅަށް މުޅި ސޯޝަލް މީޑިއާ ކެކިގަނެ އެވެ.

"އަހަރުމެންނަށް ކުރިން، ޔުމްނާއެއް ނޭނގޭ. އެކަމަކު އަނިޔާވެރިކަމާ ދެކޮޅަށް ދެއްކި ހިތްވަރުން ދުންޔާގެ މައްޗަށް ޔުމްނާ ކުރި ހޯއްދަވައިފި،" ދެބެންގެ ގޮތުގައި އުފަންވިޔަސް، އެކުވެރިކަމަކީ އަމިއްލައަށް ޚިޔާރުކުރެއްވި ކަމެއް ކަމަށް ވިދާޅުވެ، ދުންޔާ ކުރެއްވި ޓްވީޓެއްގެ ޖަވާބުގައި މީހަކު ލިޔެފައި ވެ އެވެ.

އެކަމަކު އެ ލޯތްބަށް ދުވަހަކު ވެސް ބަދަލެއް ނާންނަކަން، ދުންޔާ މިއަދު ވެސް ވަނީ ހަނދާންކޮށްދީފަ އެވެ.

"އަހަރެންނާއި އަހަރެންގެ ކޮއްކޮ އާ ދެމެދު ފިތުނަ އުފައްދަން މަސައްކަތް ކުރާ މީހުންނަށް ދޭން އޮތް މެސެޖަކީ މިއީ އެވެ. އަހަރުމެންގެ ލޯބި ވަރުގަދަ އެވެ." ޔުމްނާއާ އެކީ ނަންގަވާފައިވާ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައި ދުންޔާ ވިދާޅުވި އެވެ.

"ބައްޕަ، މައުމޫން އަބްދުލްގައްޔޫމާއި އާއިލާއިން ކުރި މި ހަނގުރާމައިގައި އޭނާ ދެއްކި ހިތްވަރަށާއި ސާބިތުކަމަށް ތައުރީފް ކުރަމެވެ."

މީހުންގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އެއީ ބަދަލުނުވާ ގުޅުމެއްކަން ޔުމްނާ ވެސް އަންނަނީ ސޯޝަލް މީޑިއާގައި ސާބިތުކޮށްދެމުންނެވެ.

ޔުމްނާ ވިދާޅުވާ ގޮތުގައި އާއިލާއަށް ދިމާވި ހިތްދަތި މި ވަގުތުތަކުގައި އޭނާއާ އެންމެ ގާތުގައި ހުންނެވީ ދައްތަ އެވެ.

"އަހަރުމެން އެކަކު އަނެކަކަށް އޮތް ލޯބި، އާއިލާގެ ތެރޭގައި އޮތް ލޯބި ވަރުގަދަ އެވެ." ދުންޔާއަށް ޖަވާބު ދެއްވަމުން ޔުމްނާ ޓްވިޓާގައި ވިދާޅުވި އެވެ.