އައްޑޫ 100 އެނދުގެ އާ ހޮސްޕިޓަލަށް ކޮންސަލްޓެންޓަކު ހޯދަނީ

ސާކް ސަމިޓް ބާއްވަން އައްޑޫ ހިތަދޫގައި ހެދި އީސީސީގައި ގާއިމްކުރާ 100 އެނދުގެ ހޮސްޕިޓަލް މަޝްރޫއުއަށް ޕްރޮކިއުމަންޓް މެނޭޖަރަކު ހޯދަން ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.


އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ހަވާލުކުރާ ޒިންމާ އުފުލާ ފަރާތަކަށް މަހަކު 2،000 ޑޮލަރު (24،840ރ.) ގެ އަގެއް ލިބެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ކޮންސަލްޓެންސީގެ މުއްދަތަކީ އެއް އަހަރު ކަމަށް ވިޔަސް ޕްރޮޖެކްޓް ކުރިއަށްދާ ގޮތަށް ބެލުމަށް ފަހު ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން މުއްދަތު އިތުރު ކުރެވިދާނެ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޕްރޮކިއުމަންޓް މެނޭޖަރާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކޮންސަލްޓެންސީގެ މަގުސަދަކީ ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ރާއްޖެ އާއި ރާއްޖޭން ބޭރުން ހޯދުމުގެ މަސައްކަތާއި އެ ތަކެތި ގަތުމާއި ހޮސްޕިޓަލުގައި ހަރުކުރުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ކަމަށެވެ.

މީގެ އިތުރުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޕްރޮޖެކްޓަށް އެންމެ ފައިދާ ކުރަނިވި ގޮތަކަށް މަސަކަތް ކުރިއަށް ގެންދޭތޯ ބެލުން ވެސް އޭނާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެ އެވެ.

އީސީސީ: މިތަން ހޮސްޕިޓަލަކަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމާފައި. ފޮޓޯ: ކިއުންތެރިއެއް

ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓާއި އޮފިޑްގެ ލޯނު އެހީގެ ދަށުން ހިންގާ މަޝްރޫއުގައި އާ ހޮސްޕިޓަލް އަޅަން ކުރިން އޮތީ އެހެން ސަރަަހައްދެއްގަ އެވެ. އެކަމަކު ސަރުކާރުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓަށް ހެދި އެކަމަކު މިހާރު ވީރާނާވަމުން ދާ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމައިފަ އެވެ.