މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.3 ބިލިއަން ރުފިޔާ

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.3 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.


މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 1.3 ބިލިއަން ރުފިޔާއަކީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އަށް ޕަސެންޓް މަދު އަދަދެކެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 25 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ ތެރެއިން 915 މިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 59.4 މިލިއަން ޑޮލަރެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ޕަސެންޓަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނުއިރު ދެވަނަ އަށް އެންމެ ގިނައީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު ފައިސާ އެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 326 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.

މީރާއިން ބުނިގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށް ވުރެ މިދިޔަ މަހުު އާމްދަނީ އިތުރުވީ ޓޫރިޒަމް ލޭންޑް ރެންޓާއި ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި ފައިސާ އިތުރުވުމެވެ. އެކަމަކު ލޭންޑް ރެންޓް ދެއްކުން ބައެއް ފަރާތްތަކުން ފަސް ކޮށްފައިވާތީ ލަފާކުރި ވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ ދަށްވީ ކަމަށް މީރާއިން ބުންޏެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ