ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އަށް ސޯޝަލްމީޑިއާގައި ފާޑުކިޔަމުންދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އެކަން ކުށްވެރި ކުރައްވައިފި އެވެ.
ވަރަށް ފަހުން ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި އައިޝާ، ސަރުކާރުގެ ކޯލިޝަން ސަރުކާރުގެ އިސް މަގާމަށް ވަޑައިގަންނަވާނެ ކަމުގެ ތުހުމަތާ އެކު އޭނާގެ ޒާތީ ކަންކަމާ ގުޅުވައި ދަނީ ފުރައްސާރަކުރަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުކަމަށް އިންތިޚާބުވެވަޑައިގެން އައިޝާ ސިޔާސީ މަސައްކަތަށް ނުކުމެވަޑައިގަތީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، ދޮންދަރިކަލުން ސިޔާދު އިބްރާހިމް ގާސިމް އާއި ފިރިކަލުން ގާސިމް އިބްރާހީމް މި ސަރުކާރުން ނުހައްގުން ޖަލަށް ލައި އަދަބު ދެމުންދާތީ ކެތްނުކުރެއްވިގެންނެވެ. މި ފިޔަވަޅާ އެކު ނަހުލާ ވަނީ، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ކޯލިޝަނަށް ކާމިޔާބު ކޮށްދެއްވަން ކެމްޕޭންގައި އިސްކޮށް އުޅުއްވައިފަ އެވެ. ރަށްތަކަށް ދަތުރުކުރައްވައި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރެއްވި އެވެ.
އެކަމަކު އިންތިޚާބު ނިމުމާއެކު، އައިޝާ އަށް އަމާޒުކޮށްފައިވާ ފާޑުކިއުންތަކުގައި އޭނާގެ ދިރިއުޅުމުގެ ޒާތީ ބައެއް ކަންކަން އާއްމުކޮށް، ދަނީ ފާޑުކިޔަމުންނެވެ. އޭނާ އަކީ ސަރުކާރުގެ އިސް މަގާމަކަށް ގާބިލް ބޭފުޅެއް ނޫން ކަމަށް ވެސް އެއް ބަޔަކު ބުނެ އެވެ.
މިކަންކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަހުލާއާ ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި ދައްކާ ދަށު ދަރަޖައިގެ ވާހަކަތައް އެއްގޮތަކަށް ވެސް ބަލައިނުގަނެވޭ ކަމަށެވެ. އެހެން މީހުންނެކޭ އެއްގޮތަށް ނަހުލާ އަކީ ވެސް ސިޔާސީ ފުރުސަތުތަކާއި އެންމެހާ ހައްގުތައް ފުރިހަމަ އަށް ލިބިވަޑައިގަންނަވަން ޖެހޭނެ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
JP Leader Hon Gasim Ibrahim ge an’bikabalun Aishath Nahula aai gulhey gothun social media gai dhahkaa dhashu dharajaige vaahaka ehgothakah ves balaeh nuganeveyne.Ebeyfulhaa akeeves,hurihaa siyaasee furusatheh adhi enmehaa haqquthah furihamayah libivadaigannavan jeheyne beyfulheh
— Mohamed Nasheed (@MohamedNasheed) October 10, 2018
ނަހުލާގެ ދިފާއުގައި ނަޝީދު ޓުވީޓް ކުރެއްވިއިރު، އެމަނިކުފާނާއި ގާސިމްއާ ދެމެދު ވެސް އުފެދުނު ހިޔާލުތަފާތުވުންތަކެއް އިއްޔެ ވަނީ އާއްމުންނާ ހަމައަށް ތިލަވެފަ އެވެ. މިކަން އާއްމުވީ، ނަޝީދާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކުރެއްވި ޓުވީޓެއް ގާސިމް ރީޓުވީޓް ކުރެއްވުމާ ގުޅިގެންނެވެ.
ނަޝީދު މިނިވަންކުރުމާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި އަލްހާން އެ ޓުވީޓުގައި ވިދާޅުވެފައި ވަނީ ނަޝީދު ވެސް މިނިވަންވާން ޖެހެނީ ގާނޫނީ ނިޒާމުގެ ތެރެއިން ކަމަށެވެ. އެ ޓުވީޓު ގާސިމް ރީޓުވީޓް ކުރެއްވިއިރު، ނަޝީދަށް ބޭއިންސާފުން ހުކުމް އިއްވުމާއި ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ނަޝީދު މިނިވަންވެފައި ވުމުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުން އެމަނިކުފާނު ދޫކޮށްލަން ގޮވާލާފައިވާ ކަން ގާސިމް ހަނދާން ނެތުނީތޯ ކަމަށް ބުނެ ނަޝީދު ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އެއާއެކު، މައްސަލަ ފިނިކުރަން، ގާސިމާއި ނަޝީދު ވަނީ ވާހަކަ ދައްކަވައިފަ އެވެ.
ގާސިމް ވިދާޅުވެފައިވާ ގޮތުގައި ބަންދުން މިނިވަން ނުވެ، ރާއްޖެ ވަޑައިގެންފި ނަމަ ނަޝީދު ހައްޔަރު ކޮށްފާނެ ކަމަށާއި އެއިރުން ގައުމުގެ އަމަން ގެއްލޭނެ ކަމަށެވެ. އެ ވާހަކަ ނަޝީދަށް ވެސް ދެންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ. އެއާއެކު ނަޝީދު ވިދާޅުވެފައި ވަނީ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީތަކަކީ ތަފާތު ފިކުރުތަކެއްގެ ބައެއް ކަމަށާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގައި ވެސް އެ ޕާޓީތަކުގެ ހިޔާލު ތަފާތު ވާނެ ކަމަށެވެ.
އެހެންވިޔަސް ޑިމޮކްރަސީގެ އަސާސްތަކާ އެއްގޮތަށް، ހިޔާލު ތަފާތުވުންތަކާ އެކީގައި ވެސް ހައްލު ހޯދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.