ރައީސް ޔާމީން ހުށަހެޅުއްވީ އިންތިޚާބު ބާތިލް ކުރަން، ޖަވާބުދާރީވާން އީސީއަށް އަންގައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.


ރާއްޖޭގެ އެންމެ މަތީ ކޯޓަށް ރައީސް ޔާމީން އިއްޔެ ހުށަހެޅުއްވި އެ މައްސަލަ އެ ކޯޓަށް ރޭ ބަލައިގަނެ މިއަދު ހެނދުނު ވަނީ އިބްތިދާއީ އަޑުއެހުމެއް ބާއްވައިފަ އެވެ. އަދި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 އަށް ލިޔުމުން ޖަވާބުދާރީވުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަށް މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި އަންގައިފަ އެވެ.

ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވި ރައީސް ޔާމީންގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށް ފަހު، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް މެމްބަރު މުހައްމަދު ސަލީމް (ރޭނިސް) އިއްޔެ ވިދާޅުވީ، އެ މައްސަލާގައި ކޯޓަށް ވަޑައިގަތީ ރައީސް ޔާމީންގެ ސަޕޯޓަރުން ހުށަހެޅި ޝަކުވާތަކަށް ބެއްލެވުމަށް ފަހު ކަމަށެވެ. އަދި ރައީސް ޔާމީން އެ ނިންމެވުން ނިންމެވީ ސަޕޯޓަރުންގެ ހައްގުގައި ކަމަށް، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އައްޔަން ކުރައްވާފައިވާ ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބާ ގުޅޭ ވަރަށް ގިނަ ޝަކުވާތަކެއް ރައީސް ޔާމީނަށް ތާއީދުކުރާ މީހުން ވަނީ ހުށަހަޅައިފަ އެވެ.

ޕީޕީއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިޚާބުގައި ކުރިމަތިވި ތަފާތު މައްސަލަތަކާ ގުޅޭ ގޮތުން، އެ އިންތިޚާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނީޓަރުންނާއި އެހެނިހެން ފަރާތްތަކުން ވަރަށް ގިނަ ޝަކުވާތަކެއް އެ ޕާޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

"މި ޝަކުވާތަކަށް ރިއާޔަތްކޮށް، ޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ އިންތިޚާބީ ހައްގުތައް ގެއްލިފައިވާ ކަމަށް ގަބޫލު ކުރެވޭ ނަމަ، އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށް މި ޕާޓީން ގަބޫލު ކުރަމެވެ،" އިންތިޚާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގެ އިތުރުން ހައި ކޯޓަށް ވެސް ހުށަހަޅަން ނިންމާފައިވާކަން ހާމަކޮށް ނެރުނު ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނިގޮތުގައި، އިންތިޚާބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓާއި ހައި ކޯޓަށް ހުށަހަޅަން ނިންމީ ފުލުހުންގެ އިދާރާއިން ދީފައިވާ ޖަވާބަށް ރިއާޔަތް ކޮށެވެ.

މި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް، އިދިކޮޅު ކޯލިޝަނުން ވާދަކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރި ހޯއްދެވީ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.