އެއްވެސް މީހަކަށް ރިޝްވަތެއް ނުދެން: ޕީޕީއެމް

އެއްވެސް މީހަކަށް ބިރުދައްކައި ރިޝްވަތު ދީފައި ނުވާނެ ކަމަށް، ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން މިއަދު ބުނެފި އެވެ.


ޕީޕީއެމުން މިހެން މި ބުނީ މިދިޔަ މަހުގެ 23ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޗާޕުކުރި އެމް ސެވަން ޕްރިންޓާސްގެ މުވައްޒަފުންނަށް ޕީޕީއެމުން ރިޝްވަތު ހުށަހަޅާފައިވާ ކަމަށް ބުނެ އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައި ވަނިކޮށެވެ. އެކަން ދޮގުކޮށް ނެރުނު ބަޔާނުގައި ޕީޕީއެމުން ބުނީ މި ދަނޑިވަޅުގައި ރިޝްވަތުގެ ވާހަކަ ދައްކަނީ، އިންތިޚާބު ބާތިލްކުރުމަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރައްޔިތުންގެ ސަމާލުކަން ގެއްލުވާލަން ކަމަށެވެ.

ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ބަލައިގަނެ އާދީއްތަ ދުވަހު ޝަރީއަތް ފަށަން ވަނީ ތާވަލްކޮށްފަ އެވެ.

އެމް ސެވަންގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅީ، ވޯޓު ކަރުދާހުގައި މައްސަލަތަކެއް ހުންނާނެ ކަމަށް ބުނެ ކޯޓުގައި ހެކިބަސް ދިނުމަށް ކަމަށް އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިޝްވަތު ހުށަހެޅި މީހުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

އެމް ސެވަންގެ ދިވެހި މުވައްޒަފުންނަށް އެއް މިލިއަން ރުފިޔާ ހުށަހެޅިއިރު ބިދޭސީ މުވައްޒަފުންނަށް 40،000 ޑޮލަރު ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނީ އެމް ސެވަންގެ އެއް ހިއްސާދާރަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއް ކަމަށާއި އަދި މެޖޯރިޓީ ހިއްސާ އޮންނަ އެކްސިސް މޯލްޑިވްސް އަކީ ޖުމްހޫރީ ޕާޓީގެ ފައުންޑަރު އަދި އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ހަދީޖާ ސަނާ އާއި ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ކަމަށެވެ. އެހެންވެ އެއީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް އިން ކާމިޔާބު ކުރި ބިޑް ބާތިލްކޮށް، އަލުން ބިޑް ކުރުމަކާ ނުލައި ފަސް ގުނަ ބޮޑު އަގެއްގައި ދީފައި އޮތް މައްސަލަ އޮއްބާލަން އެމް ސެވަން އިން ކުރި ކަމެއް ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާއި އެމް ސެވަން އަށް ރައްދުވާ ހެއްކާއި ގަރީނާ އެބަހުރި ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

"މިއީ މި ޕާޓީގެ އަގު ވައްޓާލާ ޕާޓީ ބަދުނާމު ކުރުމަށް ދައްކާފައިވާ ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއްކަން ފާހަގަކޮށް މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އެމްސެވަން އިން ހުށަހަޅާފައިވާ މައްސަލާގައި މި ޕާޓީއަށް އިނގިލި ދިއްކޮށްފައިވާ ނަމަ، އެކަން ސާބިތުނުވުމާ ގުޅިގެން އަބުރުގެ ދައުވާ ކުރުމަކީ މި ޕާޓީއަށް ލިބިފައިވާ ގާނޫނީ ހައްގެއްކަން އެ ފަރާތަށް ހަނދާންކޮށްދެމެވެ،" ޕީޕީއެމްގެ ބަޔާނުގައި ބުންޏެވެ.