ޗައިނާގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވާނެ ކަމަށް އިބޫ ވިދާޅުވި: ޗައިނާ

ރާއްޖެ އާއި ޗައިނާގެ އެއްބަސްވުންތަކަށް އިހްތިރާމްކުރައްވާނެ ކަމަށާއި ރާއްޖޭގައި ޗައިނާއިން ފަށާފައިވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވާނެ ކަމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވި ކަމަށް ޗައިނާ އިން މިއަދު ބުނެފި އެވެ.


ރާއްޖެއަށް ޗައިނާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޖާންގް ލިޖޮންގް އާއި އިބޫ ބޭއްވި ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލޫ ކާންގްއާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ބުނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އިބޫ ދެއްވި ކަމަށެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިވުމަކީ ބައެއް ގައުމުތަކުން ބޭނުންވާ ކަމެއް ނޫން ކަމަށާއި އެކަމަކު އިބޫގެ ސަރުކާރުން ވެސް ޗައިނާއާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.

"އިބޫ އާއި އެ މަނިކުފާނުގެ ސަރުކާރުން ވެސް ބޭނުންވޭ ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުންތަކަށް އަމަލުކޮށް، މަޝްރޫއުތައް ކުރިއަށް ގެންގޮސް އަދި ހިނގަމުންދާ ޕްރޮޖެކްޓްތައް ފުރިހަމަކުރަން،" ތަރުޖަމާނު ލޫ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތައް ދެނެގަނެ އިންފްރާސްޓްރަކްޗާ އާއި އާންމު ދިރިއުޅުމުގެ ހާލަތާއި ޓޫރިޒަމް ކުރިއަރުވައި ގުޅުން ބަދަހިކުރުމަކީ އާ ސަރުކާރުގެ ވެސް އަމާޒެވެ.

ރާއްޖޭގައި ޗައިނާއިން ހިންގާ ޕްރޮޖެކްޓްތަކަށް އާ ސަރުކާރުން ބަދަލުތަކެއް ގެނެސްފާނެތީ ކަންބޮޑުވޭތޯ ސުވާލުކުރުމުން ލޫ ވިދާޅުވީ ރާއްޖެ އާއި ޗައިނާއިން މިފަދަ މަސައްކަތްތައް ކުރަނީ ދެ ސަރުކާރުން މަޝްވަރާކޮށްގެން ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ ރާއްޖެ އާއި ޗައިނާގެ ގުޅުން އޮމާންކޮށް ކުރިއަށް ދިއުމަކީ ބައެއް ގައުމުތަކުން ބޭނުންވާ ކަމެއް ނޫންކަން، އިބޫއާ އެކު ބޭއްވި ބައްދަލުވުމުގައި ޗައިނާއިން ފާހަގަކޮށްފައިވާ ކަމަށެވެ.

ޗައިނާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑަށް ގުޅުން ބަދަހިކުރި ގައުމެވެ. ޗައިނާ އިން ރާއްޖެ އަށް ބޮޑެތި އަދަދުތަކުން ލޯނު ދީ ގިނަ މަޝްރޫއުތަކެއް ހިންގާތީ ރާއްޖޭގެ އިގްތިސާދު ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ގޮސް ދަރަނިން ސަލާމަތް ނުވެދާނެ ކަމުގެ ބިރު އިދިކޮޅު ފަރާތްތަކުން ފާޅުކުރެ އެވެ.