ސިޔާސީ ބޭފުޅުންނާއި ބޭރު މީހުންނާ ބައްދަލުކުރުން ސިފައިންނަށް މަނާކޮށްފި

ސިޔާސީ ބޭފުޅުންގެ އިތުރުން އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ޑިޕްލޮމޭޓުންނާއި ބޭރު މީހުންނާ ބައްދަލުކުރުން ވެސް ސިފައިންނަށް ވަނީ މަނާކޮށްފައި

ސިޔާސީ ބޭފުޅުންނާ ސިފައިން ބައްދަލުކުރުން ޑިފެންސް މިނިސްޓްރީން މަނާކޮށްފި އެވެ.


މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ސިފައިންގެ މީހަކު، ސިފައިންގެ އިސްވެރިއެއްގެ ހުއްދަ ނެތި، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާއި ގާނޫނަކުން ކަނޑައަޅާފައިވާ އިންތިޚާބެއްގައި ބައިވެރިވާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި އެކްޓިވިސްޓުންނާ ބައްދަލުކުރުން މިހާރު މަނާކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ސިޔާސީ ބޭފުޅުންގެ އިތުރުން ޑިޕްލޮމެޓުންނާއި ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުގެ ބޭފުޅުންނާއި މިނޫނަސް ރާއްޖޭން ބޭރުގެ ފަރާތްތަކާ ބައްދަލުކުރުމާއި އެފަދަ ފަރާތްތަކާ އެކު އިޖުތިމާއީ އެއްވުންތަކަށް ދިއުމާއި ބައިވެރިވުން ވެސް ޑިފެންސުން މިހާރު ވަނީ މަނާކޮށްފައި ކަމަށެވެ.

ސިފައިންނަކީ ވަކިފަރާތަކަށް ބުރަވުމެއްނެތި އިންސާފުވެރިކަމާ ތެދުވެރިކަމާއެކު ގައުމީ ވާޖިބު އަދާކުރަންޖެހޭ ބަޔަކަށް ވާތީ ސިފައިންގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތީން އަމަލުތައް ބެހެއްޓުމަށާއި އެންމެހާ ނުފޫޒުތަކުންނާއި ސިޔާސީ ކަންކަމުން ސިފައިން އެއްކިބާވާންޖެހޭނެ ކަމަށް ވެސް ޑިފެންސުން ސިފައިންނަށް ވަނީ އަންގައިފަ އެވެ.