ބޮޑު ދުވަހެއް، އެންމެންގެ ސަމާލުކަން ސުޕްރީމް ކޯޓަށް!

ސުޕްރީމް ކޯޓު ދޮށަށް މިއަދު ހެނދުނުއްސުރެން މީހުން ޖަމާވަނީ އެވެ. ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ވަނުމަށް ނަން ނޯޓު ކުރުމަށެވެ. މިއީ، އިންތިޚާބާ ގުޅިގެން ހުށަހެޅި މައްސަލަ އަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރެވެ.


ޝަރީއަތުގެ އަޑު އެހުން ބާއްވަން ޝެޑިއުލްކޮށްފައި އޮތީ، މިއަދު މެންދުރުފަހު 1:00 އަށެވެ. މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ރައީސް ޔާމީން ބަލިކޮށް، ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ، 41.6 ޕަސެންޓެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.

މި ނަތީޖާ ގަބޫލުފުޅުކުރައްވައި، އިބޫ އަށް މަރުހަބާ ވެސް ދެންނެވިތާ ހަފުތާއެއްހާ ދުވަސް ފަހުން ރައީސް ޔާމީން ވަނީ އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.

އިންތިޚާބު ބާތިލްކުރަން ހުށަހަޅާފައިވާ ޝަރީއަތަށް ވަންނަން ސުޕްރީމް ކޯޓު ދޮށުގައި ކިޔޫ ހަދާފައި. --ފޮޓޯ: އަލީ ނިޝާން/މިހާރު

އިލެކްޝަންސް ކޮމިޝަނަށް ދައުވާ ލިބޭ ގޮތަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލާގައި އެދިފައި ވަނީ އިންތިޚާބާ ގުޅިގެން ފާހަގަވެފައިވާ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް ދިނުމަށާއި އަދި ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އަމުރުކޮށް ދިނުމަށެވެ. އެ މައްސަލައިގެ ދައުވާގައި ފާހަގަކުރި ކަންކަން ހިމެނޭ ލިޔުމެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މައްސަލަ އާއި އެ މަސައްކަތް ހަވާލުކުރި އެމް7 ކުންފުނީގެ މައްސަލައިގެ އިތުރުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ޚާއްސަ އަނގޮޓިތަކެއް ބޭނުންކުރި ކަމުގެ ތުހުމަތާއި ޚާއްސަ ކެމިކަލެއް ވޯޓު ކަރުދާހުގައި ބޭނުން ކުރި ކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، ޝަރީއަތުގެ އަޑު އެހުމަށް ވެންނެވުމަށް ނަން ނޯޓު ކުރައްވަން ސުޕްރީމް ކޯޓު ކައިރީގައި. --ފޮޓޯ: އަލީ ނިޝާން/މިހާރު

އެންމެންގެ ސުވާލަކީ، މި މައްސަލަ ނިމޭނީ ކިހިނެއް ހެއްޔެވެ؟ އިންތިޚާބު ބާތިލްކޮށް، އަލުން ވޯޓުލާން ޖެހޭނެ ހެއްޔެވެ؟

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ކަންބޮޑުވުންފާޅުކޮށް މީހަކު ކޮށްފައިވާ ޓުވީޓެއް.

ވެރިކަން ކުރާ ޕީޕީއެމުގެ އިސް ބޭފުޅުން ތިއްބެވީ މި އިންތިޚާބު ބާތިލްކުރާނެ ކަމަށް ޔަގީން ކުރައްވައިގެންނެވެ.

އެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބު އަދި ނުނިމެ އެވެ. އިންތިޚާބު ބާތިލްކޮށް، އަލުން ވޯޓުލާން ޖެހެ އެވެ.

އުފާވެރި ޚަބަރަކަށް އިންތިޒާރުކުރަން އެދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވަނީ އެ ޕާޓީގެ މެމްބަރުންނަށް ހިތްވަރު ދެއްވައިފަ އެވެ.

އިންތިޚާބު ބާތިލްކުރަން ހުށަހަޅާފައިވާ ޝަރީއަތަށް ވަންނަން ސުޕްރީމް ކޯޓު ދޮށުގައި ކިޔޫ ހަދާފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކޯލިޝަނުން ދެކޭ ގޮތުގައި، ރައްޔިތުންގެ ނިންމުން ބާތިލްކުރަން ޖެހޭ ސަބަބެއް ނެތެވެ. ވޯޓުގައި، ވަރަށް ސާފުކޮށް، ރައްޔިތުން ވަނީ ރައީސް ޔާމީނަށް ނޫނެކޭ ބުނެފަ އެވެ. އެ އިންތިޚާބުގައި ވޯޓު ލުމާއި ވޯޓު ގުނުން ވެސް އެންމެންގެ ލޯ ކުރިމަތީގައި ހިނގައިދިޔަކަން ފާހަގަކޮށް، ވޯޓު ބާތިލްކުރާ ވަރުގެ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ.

އެއީ އިލެކްޝަންސް ކޮމިޝަނުން ވެސް ރައްޔިތުންނަށް ދީފައި އޮތް ޔަގީން ކަމެވެ. އިންތިޚާބު ބާތިލްކުރަން ޖެހޭވަރުގެ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ތަކުރާރުކޮށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިބޫގެ ތަރުޖަމާން، މާރިޔާ އަހްމަދު ދީދީ ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ވެސް ބަލައިގެންފައިވާ އިންތިޚާބު ބާތިލްކުރަން ކޯޓުން ނިންމަފާނެ ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ.

އިންތިޚާބާ ގުޅޭ ގޮތުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ކުރައްވާފައިވާ ޓުވީޓެއް.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ނިންމުން ބާތިލްކުރެވޭނެ ހުއްޖަތެއް ރައީސް ޔާމީން، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ނުވާ ކަމަށެވެ. އެ ޝަރީއަތަށް މުޅި ދުނިޔޭގެ ވެސް ލޯ އަމާޒުވެފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ބައިނަލްއަގުވާމީ ނަޒަރު ވެސް މިއަދުގެ ޝަރީއަތަށް ވަނީ ހުއްޓިފަ އެވެ. ބޮޑެތި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ގެންދަނީ، ރައްޔިތުންގެ ނިންމުން ބަލައިނުގަނެ، މިހާރު ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަށް ފާޑުކިޔަމުންނެވެ.

އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގައި މިއަދު ހުކުމަކާ ހަމައަށް ހިނގައިދާނެ ކަމެއް އަދި ޔަގީނެއް ނުވެ އެވެ. އެކަމަކު މިއަދަކީ ބޮޑު ދުވަހެކެވެ. އެންމެންގެ ސަމާލުކަން ހުއްޓިފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވާނެ ގޮތަކަށެވެ.

ނިމިފައި އޮތް ރިޔާސީ އިންތިހާބެއްގެ ނަތީޖާ މީގެ ކުރިއަކުން ރާއްޖޭގައި ބާތިލެއް ނުކުރެ އެވެ. ސުޕްރީމް ކޯޓުން 2013 ގައި ބާތިލްކުރީ އިންތިހާބުގެ ފުރަތަމަ ބުރެވެ.