މީރާ މުވައްޒަފުންގެ ވަޒީފާގެ އުސޫލުތައް ލުއިކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުން ކޮންމެ ދުވަހަކު ނުވަ ގަޑިއިރު މަސައްކަތް ކުރަން ޖެހޭ ގޮތަށް އޮތް އޮތުމާއި މީރާގެ ޕޯސްޓްތައް ޝެއާކުރަން ޖެހުން ފަދަ އުސޫލުތަކާ އެކު، ގިނަ ކަންތައްތަކެއް އުވާލަން އެ އޮތޯރިޓީން ނިންމައިފި އެވެ.


މީރާއިން މިދިޔަ ބުދަ ދުވަހު މުވައްޒަފުނަށް އަންގާފައިވާ ގޮތުން ދެން އެ އޮފީހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އެވެ. ކުރިން ނަމަ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ރަސްމީ މަސައްކަތް ކުރިއަށް ގެންދަން ޖެހެ އެވެ.

އެނގިފައިވާ ގޮތުގައި އެބަދަލުތައް ގެނައީ 200 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ މީރާގެ ބޯޑަށް ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު މިދިޔަ ހަފްތާގަ އެވެ.

މީރާގެ އެކައުންޓްތަކުން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތައް މުވައްޒަފުންގެ އެކައުންޓްތަކުން ޝެއާ ކުރުމުން ވަޒީފާގެ ޕާފޯމަންސް ބަލާއިރު މާކްސްދޭ ގޮތަށް ކުރިން އޮތީ ހަމަޖައްސައިފަ އެވެ. އެކަމަކު އެކަން ވެސް އުވާލަން މިހާރު ވަނީ ނިންމާފަ އެވެ. އަދި އިތުރު ގަޑީގައި ކުރާ މަސައްކަތަށް މާކްސް ދިނުން ވެސް އާ ބަދަލާ އެކު ހުއްޓާލަ އެވެ.

ޓެކްސްތަކުން ދައުލަތަށް ލިބޭ އާމްދަނީއާ ހަވާލުވުމުގެ ޒިންމާ އުފުލަމުން އަންނަ މީރާގެ މުވައްޒަފުންނަށް ހޮނިހިރު ދުވަހަކީ ވެސް ރަސްމީ ދުވަހެކެވެ. ނަމަވެސް އާ ބަދަލާ އެކު ރޯދަ މަހުގެ ހޮނިހިރު ދުވަސްތައް ބަންދުވާނެ އެވެ.

މީރާގެ މުވައްޒަފުންގެ ބޭސިކް ސެލަރީގެ އިތުރުން ލިބޭ އެލަވަންސް ހައްގުވާ މިންގަނޑަށް ވެސް ވަނީ ބަދަލުގެނެސްފަ އެވެ. ކުރިން އޮންނަ އުސޫލުން ނަމަ ހުކުރު ދުވަހުގެ އެލަވަންސް ލިބެނީ ހަފްތާގެ ރަސްމީ ފަސް ދުވަހު އޮފީހަށް އައުމާ އެކު އިތުރު ގަޑީގެ ގޮތުގައި 15 ގަޑިއިރާ 45 މިނެޓް މަސައްކަތް ކުރުމުންނެވެ.

އެކަމަކު މިހާރު ހަމަޖެއްސި ގޮތުން ނަމަ ހަފްތާގެ ރަސްމީ ފަސް ދުވަހު އޮފީހަށް ނުކުމެއްޖެ ނަމަ ހުކުރު ދުވަހުގެ އެލަވަންސް ލިބޭނެ އެވެ. އެކަމަކު ހޮނިހިރު ދުވަހުގެ އެލަވަންސް ލިބޭނީ އެ ދުވަހު އޮފީހަށް ނުކުމެ، ހަތް ގަޑިއިރު މަސައްކަތް ކުރުމުންނެވެ.