ސިއްރު ހެކިބަސް ނުނެގި، އަޑުއެހުން ނިންމާލައިފި

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލު ނުކުރައްވައި، އެ އިންތިޚާބުގެ ނަތީޖާ ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި މިއަދަކީ ވެސް ޚާއްސަ ދުވަހެކެވެ.


މި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ބަލިވި، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ފަހު އަޑުއެހުން މިއަދު ހެނދުނު 10:00 އަަށް ތާވަލް ކޮށްފައިވާއިރު، މިއަދު އޮންނާނީ އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކިވެރިން ބަލައިގަތުމާ މެދު ގޮތެއް ނިންމުމެވެ. އެކަމާ މެދު ގޮތެއް އިއްޔެގެ އަޑުއެހުމުގައި ގޮތެއް ނިންމަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކުރިން ވިދާޅުވި ނަމަވެސް، އިއްޔެގެ ޝަރީއަތުގެ ފަހު ބައިގައި އެމަނިކުފާނު ނިންމެވީ އެކަން މިއަދު ކުރިއަށް ގެންދަވާ ގޮތަށެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސިއްރު ތިން ހެކިވެރިއަކު ހުށަހެޅީ ފާހަގަ ޖެހޭ އަނގޮޓިތަކެއް ރާއްޖެ ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަންގަވައިގެން ކަން ސާބިތު ކުރުމަށެވެ.

އެ ހެކިވެރިންގެ ނަންތައް ވަނީ ސިއްރު ކޮށްފަ އެވެ. އެކަމަކު، އެ މީހުން ދީފައިވާ ބަޔާންތަކެއް އިއްޔެގެ އަޑުއެހުމުގައި ވަނީ ހުށަހަޅައި، މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހިއްސާކޮށްފަ އެވެ. އެ ބަޔާންތައް ދިނީ އެ މީހުންނަކީ ކޮން ބައެއް ކަން އެނގޭ ގޮތަށް ހުރި މައުލޫމާތުތައް އުނި ކުރުމަށް ފަހު އެވެ.

ސިއްރު ހެކިވެރިންގެ ހެކި ބަސް ބަލައިގަތުމާ މެދު، އިލެކްޝަންސް ކޮމިޝަންގެ ވަކީލުން އަދި އެ މައްސަލަ އަށް ތަދައްޚުލް ވެފައިވާ އިދިކޮޅު ކޯލިޝަނުން ވެސް ވަނީ އިއްޔެގެ ޝަރީއަތުގައި ވާހަކަ ދައްކައިފަ އެވެ. އެހެންވެ، ދެން އޮންނާނީ މިއަދުގެ ޝަރީއަތުގައި ހެކިވެރިންގެ ހެކިބަސް ބަލައިގަތުމާ މެދު ގޮތެއް ނިންމުމެވެ.

ސިއްރު ހެކިވެރިންގެ ހެކިބަސް ސިއްރުން ނަގަން އެދެނީ ކީއްވެގެންތޯ އިއްޔެގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސުވާލު ކުރެއްވުމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އައްބާސް ޝަރީފް ވިދާޅުވެފައި ވަނީ އެގޮތަށް އެދިވަޑައިގަތީ ގައުމުގެ މަސްރަހު މިހާރު އޮތްގޮތުން ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، ހެކިވެރިންނަކީ ކޮން ބައެއްކަން ހާމަވެއްޖެ ނަމަ، އެ މީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެ، އެ މީހުން ފުރާނައިގެ ރައްކަލަކަށްޓަކައި އެ މީހުންގެ މައުލޫމާތު ސިއްރު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އައްބާސް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ސިއްރުން ހެކިބަސް ނެގުމަށް އެކަމަށް ދެކޮޅު ހަދައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސައިން ޝަމީމް އިއްޔެގެ އަޑުއެހުމުގައި ވިދާޅުވެފައި ވަނީ ސިއްރުން ހެކިބަސް ނެގުމަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވެސް ވަރަށް ޚާއްސަ ހާލަތްތަކުގައި ނޫނީ ނުކުރެވޭ ކަމެއް ކަމަށެވެ. އަދި ވޯޓަކީ ދެ ލައްކަ އަށް ވުރެ ގިނަ ރައްޔިތުންގެ ހައްގު އެކުލެވޭ ކަމެއް ކަމަށް ވާއިރު، އެފަދަ ބޮޑު ކަމެއްގައި ސިއްރުން ހެކިބަސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ސިއްރު ހެކިވެރިން ދިން ކަމަށް ބުނާ ބަޔާންތަކުގައި އޮތީ އެ މީހުން އަމިއްލައަށް ޖިނާއީ ކުށްތަކެއް ހިންގި ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތަށް ވަނުމަށްޓަކައި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވަނީ އިއްޔެ ހަވީރުން ފެށިގެން ސުޕްރީމް ކޯޓުގައި ކިއޫ ޖެހިފަ އެވެ. އިއްޔެގެ ޝަރީއަތަށް ވަނުމަށް ފުރަތަމަ ކިއޫ ޖެއްސީ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނެވެ. އެކަމަކު، މިއަދު ހެނދުނު ވަނީ އަޑުއެހުމަށް ވަނުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ވެސް ސުޕްރީމް ކޯޓު ކައިރިއަށް ޖަމާވެފަ އެވެ. މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ވެސް ނަން ނޯޓުކުރުން އޮންނާނީ ހެނދުނު 8:30 އިން ފެށިގެންނެވެ.