އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން: ރައީސް ޔާމީން

މިދިޔަ ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނުގެ ނުކުޅެދުންތެރިކަމަކީ އަދި ވިސްނިވަޑައިނުގެންނެވި ކަމަކީ މީހުން ދަސްނުވުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަނުން ވި ބައްޔަށް ފަހު، ދެވަނަ ފަހަރަށް ދިވެހި ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި މީހުންގެ ވިސްނުމާއި ފިކުރަށް އަންނަ ބަދަލު އައީ ކީއްވެކަން ވިސްނިވަޑައިނުގެންނެވި ކަމަށެވެ.

"ކޮން ކަހަލަ ނުފޫޒުން ކަމެއް ސިޔާސީ ލީޑަރުންނާއި އަދި ދިވެހި ރައްޔިތުންގެ ތެރެއިން ވިސްނުން ބަދަލުވަމުންދާ އަވަސް މިނުގައި ވިސްނުންތައް ބަދަލުވެގެން ދަނީ ކޮން ކަހަލަ ނުފޫޒެއްގައި ކަން އަޅުގަނޑަކަށް ދަހެއް ނުވި،" ރައީސް އޮފީހުގައި ހުންނަވައި ރައީސް ޔާމީން ވިދާޅުވި އެވެ.

މިއީ، މި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ ވާދަކުރައްވައި 38،000 ވޯޓުގެ ތަފާތުން ބަލިވި ފަހުން ރައީސް ޔާމީން ގައުމާ މުޚާތަބު ކުރެއްވި ދެވަނަ ފަހަރެވެ. އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމާ އެކު، ޖެހިގެން އައި ދުވަހު (ސެޕްޓެމްބަރު 24) ރައީސް ޔާމީން ވަނީ ގައުމާ މުޚާތަބު ކުރައްވައި، އެ ނަތީޖާ ގަބޫލުފުޅު ކުރެއްވިކަން ހާމަކުރައްވައިފަ އެވެ.

ރައީސް ޔާމީން މިއަދު ގައުމާ މުޚާތަބް ކުރެއްވުމަށް ޕޯޑިއަމް ކައިރިއަށް ވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނުގެ މިއަދުގެ ތަގުރީރުގައި ވިދާޅުވި ގޮތުގައި މީހުން ދަސްނުވުމުގެ ނަތީޖާ އަކީ އެކިއެކި ކަންކަމާ ދޭތެރޭގައި ފިޔަވަޅު އެޅުމަށް ނުކުޅެދުމެވެ. އަދި އެ ކަންމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިންނަށް ގައުމުގެ މަސްލަހަތަށް ވުރެ އިސްކަން ދެވިފައި އޮތީ ވަކި ފަރާތްތަކެއް އަމިއްލަ މަސްލަހަތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަމިއްލަ މަސްލަހަތުގެ ކުރިއަށް، ދައުލަތުގެ މަސްލަހަތާއި މުޅި ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރެވުނު ތަނެއް އަޅުގަނޑަކަށް މި ފަސް އަހަރު ފެނިގެން ނުދޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބު ނިމި، އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ހިނގަމުންދާ އިރު، ގައުމުގެ މަސްލަހަތުތޯ ނުވަތަ ފަރުދީ މަސްލަހަތުތޯ އިސް ކުރީ ސުވާލު ކުރަން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ގައުމުގެ ކުރީ ސަފުގައި ތިއްބަވާ ބޭފުޅުން ގައުމުގެ މަސްލަހަތު ހަވާސާގައި ބާއްވާފައި އަމިއްލަ މަސްލަހަތު އިސް ކުރާ ކަމަށްވާ ނަމަ، ދުވަހަކު ވެސް ރާއްޖެ އަށް ކުރިއެރުމެއް ނާންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ސީއެޗްއެސްއީގައި ހުރި މައްޗަންގޮޅި އުތުރު ދާއިރާގެ ފޮއްޓަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ވޯޓުލައްވަނީ.--ފޮޓޯ: ހުސައިން ވަހީދު/މިހާރު

މީގެ އިތުރުން، އަމިއްލަ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރާ ނަމަ، ދުވަހަކު ވެސް ރާއްޖެ އަށް ހަމަޖެހުމެއް އަދި ބޭރުގެ އެކިއެކި ފިއްތުންތަކާއި ނުރައްކާތަކުން ސަލާމަތް ކުރެއްވޭނެ ކަމަށް ވިސްނި ވަޑައިނުގެންނެވޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ދިމާއަކުން ފެނިގެން ދަނީ ގައުމުގެ މަސްލަހަތު ހަވާސާގައި ބާއްވާފައި އަމިއްލަވަންތަ ސިފަތަކަށް އިސްކަން ދީގެން ގައުމާ ދޭތެރޭގައި ކޮންމެ ގޮތެއް ވިޔަސް، ހެޔޮ ކަމަށް ދޫކޮށްލެވިގެންދާ ތަނެވެ. އެކަމަކު، އެމަނިކުފާނުގެ ސަރުކާރުގައި އެފަދަ ކަންކަމަށް ޖާގަ ދޭން ބޭނުން ނުވެގެން، ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ހުރިހާ ކަމެއް ވެސް ކުރަމުން ގެންދެވޭތޯ ބެލީ އުސޫލުތަކުގެ ތެރެއިން. ހެދިފައި ހުރި ގާނޫނުތަކުގެ ތެރެއިން. މިއަދު އެހެން ހުރި ބައެއް ކަންތައްތައް އޭގެ އަނެއްކޮޅަށް ޖެހިގެން ދާތަން ފެނުމަކީ އަޅުގަނޑު ހިތާމަ ކުރާ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ބަދަލުވާން ނުޖެހޭ ކަމަކީ ގައުމާ ދޭތެރޭގައި އޮތް ލޯބި ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ގައުމާ ދޭތެރޭގައި ވިސްނާ ވިސްނުން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދެއްވި ކަމަށް "ފެންނަން އޮންނަ" 96،000 އަށް ވުރެ ގިނަ ރައްޔިތުންނަށާއި ވޯޓު ނުދެއްވި ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި މަޖީދިއްޔާ ސުކޫލުގައި ބަހައްޓާފައިހުރި ފޮއްޓަކަށް މީހަކު ވޯޓުލަނީ.--ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނަށް ވޯޓު ނުދިން ރައްޔިތުން ގައުމުގެ މަސްލަހަތު އިސް ކުރަން ޖެހެ އެވެ. އަދި ގައުމުގެ ކަންކަމާ ބޭރުގެ ފަރާތްތަކުން ބެހެން ޖާގަ ދިނުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން އެމީހުން ހިޔާލަށް ގެންނަން ޖެހޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިކަން ކަން ކުރެއްވުމުގައި އެބޭފުޅުން ދެމި ތިއްބަވައިފި ނަމަ، އަޅުގަނޑަށް ވޯޓު ނުދެއްވި ނަމަވެސް، އަޅުގަނޑުގެ ހިތުގެ ޝުކުރު އެ ބޭފުޅުންނަށް އަބަދުވެސް އޮންނާނެ. އަޅުގަނޑަށް އަބަދުވެސް މުހިންމީ ގައުމު. އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީންގެ މައްޗަށް، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އިބޫ ކުރި ހޯއްދެވީ 134،705 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 58.4 ޕަސެންޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި، ރައީސް ޔާމީންގެ ފަރާތްޕުޅުން އިންތިޚާބު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައިގެ ފަހު އަޑުއެހުން ސުޕްރީމް ކޯޓުގައި އިއްޔެ ވަނީ ބާއްވައިފަ އެވެ.