ރައީސަށް ރައްދު: "ބޭރުކުރެއްވީ އުދާސް، އިންސާފާ ކުރިމަތިލައްވާ"!

ރައީސް އަބްދުﷲ ޔާމީން، ކުއްލި ގޮތަކަށް އިއްޔެ ރައްޔިތުންނާ ބައްދަލު ކުރެއްވީ ކީއްވެ ހެއްޔެވެ؟ ކޮންމެ ސަބަބެއް އޮތަސް، މިއީ، ރިޔާސީ އިންތިޚާބު ނާކާމިޔާބުވި ފަހުން ރައީސް ޔާމީން، ރައްޔިތުންނާ މުޚާތަބު ކުރެއްވި ދެ ވަނަ ފަހަރެވެ. ވޯޓުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމުގެ ތުހުމަތާ އެކު އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، ރައްޔިތުން ނިންމި ގޮތަށް އިހްތިރާމް ކުރައްވާ ކަމަށް ވިދާޅުވުމަށް ފަހު އެވެ.


ކާމިޔާބު ކުރެއްވޭނެ ކަމުގެ އުއްމީދާއެކު ރައީސް ޔާމީން ކޯޓަށް ހުށަހެޅުއްވި އެ މައްސަލައިގައި ދެން އޮތީ ހުކުމެވެ. އެކަމަކު އޭގެކުރިން، އިއްޔެ އެމަނިކުފާނު މިވަނީ ދެ ވަނަ ފަހަރަށް އިންތިޚާބުގެ ބަލިގަބޫލު ކުރައްވައިފަ އެވެ.

ނަތީޖާ އިން ދައްކާ 96،000 ވޯޓަކީ ސައްހަ އަދަދެއް ކަމަށް ގަބޫލުކުރައްވަން ދެކޮޅުހެއްދެވުމާއެކު ވެސް އެމަނިކުފާނަށް ވޯޓު ދިން މީހުންނާއި ނުދޭ މީހުންނަށް ޝުކުރު އަދާކުރެއްވި އެވެ.

ރައީސް ޔާމީން އިއްޔެ ރައްޔިތުންނާ މުޚާތަބްކުރައްވައި ދެއްކެވި ވާހަކަފުޅު.

ރައީސް ވިދާޅުވި ގޮތުގައި، ރަސްމީ ޚިދުމަތުގެ ނިމުން ކައިރިވެފައިވާއިރު، ބައްދަލުކުރެއްވީ އިޚްލާސްތެރި ހިތަކާ އެކުގަ އެވެ. އެމަނިކުފާނުގެ ދައުރުގައި، އެންމެ އިސްކަން ދެއްވީ ދިވެހިރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވުމަށެވެ. ބޭރުގެ ނުފޫޒު ފޯރުވުމުގެ ފުރުސަތުނުދީ، ގައުމީ މަސްލަހަތާއި އަމާންކަމާއި ސުލްހައަށް އިސްކަން ދެއްވި ކަމަށް ވިދާޅުވި އެވެ.

އެތެރެ އާއި ބޭރުން ކުރިމަތިވެވަޑައިގެންނެވި ފިއްތުންތަކާއި ގޮންޖެހުންތަކާ އެކު ވެސް އުސޫލުގެ ތެރެއިން ކަންކަން ކުރެއްވިއިރު، އެންމެ ބޮޑު ގޮންޖެހުމަކީ އިންސާފު ގާއިމްކުރުމާއި މީހުން ދަސްނުވުން ކަމަށް ވިދާޅުވި އެވެ. އެންމެންނަށް ހަމަހަމަކަމާ އެކު އިންސާފު ގާއިމްކޮށްދެއްވަން ކުރެއްވި މަސައްކަތްޕުޅުގައި ސިޔާސީ ބޭފުޅުންނަށް ތަކުލީފު އުފުލަން ޖެހުނު ނަމަވެސް އެކަމުގައި އެމަނިކުފާނުގެ ގޯހެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން އިއްޔެ ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

ރައީސްގެ މި ވާހަކަފުޅު އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ސިފަކުރައްވަނީ، ރައްޔިތުންގެ ނިންމުން އަދިވެސް ގަބޫލު ނުކުރެއްވިގެން ބޭރުކުރެއްވި އުދާސްތަކެއްގެ ގޮތުގަ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާ ޚިލާފަށް ކުރެއްވި ކަންކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިނުގެން، ދެވަނަ ދައުރަކަށް ފުރުސަތު ނުދިނުމުގެ ހިތްހަމަނުޖެހުން އިއްޔެ ވެސް އަމާޒުކުރެއްވީ ރައްޔިތުންނަށް ކަމަށް އިދިކޮޅުން ދެކެ އެވެ.

އެ އުދާސްތަކުގެ ފަހަތުގައި ފޮރުވިފައި ވަނީ، ރާއްޖެއިން ބޭރަށް "ފިއްލެވުން" ކަމުގެ ތުހުމަތު ވެސް އެމަނިކުފާނަށް ދަނީ ކުރަމުންނެވެ. އެކަމަކު، ގައުމު ދޫކުރައްވައި ނުފިއްލަވާނެ ކަމަށާއި ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން އިއްޔެ ވެސް ވަނީ ދެއްވައިފަ އެވެ.

ރައީސްގެ ވާހަކަފުޅާ ގުޅޭ ގޮތުން، ގާނޫނީ ވަކީލް އިބްރާހިމް ރިފްއަތު ކުރެއްވި ޓުވީޓެއް.

ގައުމާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅަށް ފާޑުވިދާޅުވެ އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ފަސް އަހަރުގައި އާއްމުވީ، ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށެވެ. އެއާއެކު ގާނޫނުއަސާސީގައި ވަކިކޮށްފައިވާ ހުރިހާ ބާރުތަކެއް އަމިއްލަފުޅަށް ނަންގަވައި ބޮޑެތި ޖަރީމާތަކެއް ހިންގެވި ކަމުގެ ތުހުމަތު ކުރެއްވި އެވެ.

ޚާއްސަކޮށް، ކޯޓުތަކަށް ނުފޫޒު ފޯރުއްވައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ނަގާލައި ޖަލްސާތައް ހުއްޓުވާލި ކަމަށް ފާޑުވިދާޅުވި އެވެ.

ރައީސް ޔާމީނަށް ތުހުމަތު ކުރައްވައި ޑރ. ޖަމީލް ކުރެއްވި ޓުވީޓް.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ކުރެއްވި ޓުވީޓުގައި ވެސް ތަކުރާރު ކުރެއްވީ، ޖަމީލްގެ ފާޑުވިދާޅުވުންތަކެވެ. އޭނާ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީންގެ ދައުރުގައި ކޮރަޕްޝަން އާއްމުކޮށް، އެއީ އާދައިގެ ކަމެއްގެ ގޮތަށް ވަނީ ހަދައިފަ އެވެ. ގައުމަށް މި ހާލަތު ކުރިމަތި ކުރުވައި ވަދާއީ ވާހަކަފުޅުގައި 33 ފަހަރު ގައުމުގެ ސަލާމަތާއި އަމާންކަމާއި މަސްލަހަތުގެ ވާހަކަ ވިދާޅުވިއަސް ރައްޔިތުން އެ ވާހަކަ ބަލައެއް ނުގަންނާނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގަތީ، ރައީސް ޔާމީނަށް ކުރެވޭ ތުހުމަތުތަކަށް އިންސާފާ ކުރިމަތިލައްވަން ތައްޔާރުވެވަޑައިގަތުމަށެވެ.

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުގައި ހިންގި ވައްކަމުގެ ގިނަ މައްސަލަތަކެއް ތަހުގީގު ކުރަނިކޮށް ގައުމު ދޫކުރައްވައި ރައީސް ޔާމީން ވަޑައިގަތުމުގެ ފުރުސަތު ދެއްވިގެން ނުވާނެ ކަމަށެވެ. އެއީ، ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޒިންމާއެއް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ރައީސް ޔާމީންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެ އެވެ. އެ ތުހުމަތު އެމަނިކުފާނާ ގުޅުވަނީ، އެމްއެމްޕީއާރުސީން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލައާ އެވެ. ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް އޭސީސީގެ ތަހުގީގުން ވެސް ފެންނަން އޮތްއިރު، އެ މަނިކުފާނު އެ ފައިސާ އަނބުރާ ދައުލަތަށް ހަވާލު ކުރެއްވިތޯ ސުވާލު އުފައްދަ އެވެ.

މީގެއިތުރުން، ރައީސް ޔާމީނަށް ތުހުމަތުކުރާ މަނީލޯންޑެރިންގެ މައްސަލައެއް އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ވެސް ފުލުހުންނަށް ހުށަހެޅި އެވެ. މި ކަންކަމަށް ރައީސް ޔާމީން ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

އިންތިޚާބަށް ފަހު، އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ބޭރަށް ފުރުވާލެއްވި އެވެ. އެކަމަކު، އެކަމަނާ މިއަދު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ.

އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތަކަށް ރައްދު ދެމުން ޕީޕީއެމުން ބުނީ، ރައީސްގެ އަނބިކަނބަލުން ވެސް ރާއްޖެ ވަޑައިގަތުމަކީ، ރައީސް ޔާމީން ވެސް ނުފިއްލަވާނެ ކަން ސާބިތުވާނެ ކަމެއް ކަމަށެވެ.

ރައީސް ޔާމީން ފިއްލަވަން ނޫޅުއްވާ ކަމަށް ވިދާޅުވެ އަބްދުއްރަހީމް ކުރެއްވި ޓުވީޓް.

ރައީސް ޔާމީން ފުރާވަޑައިގަންނަވަން އުޅުއްވާ ކަމުގެ ތުހުމަތު ދިފާއުކުރައްވައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ގައުމު ދޫކުރައްވައި ނުފިއްލަވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން އަދިވެސް މަސައްކަތްޕުޅު ކުރައްވަނީ އުސޫލްތަކުގެ ތެރެއިން ގައުމާއި ރައްޔިތުންގެ ހައްގުގަ އެވެ. އަބަދުވެސް ހުންނަވާނީ ރައްޔިތުންނާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ރައީސް ޔާމީންގެ މައްޗަށް ކުރެވިފައި ވަނިކޮށް ފިއްލަވައިގެން ބޭރަށް ވަޑައިގަންނަވަން އުޅޭ ކަމުގެ ތުހުމަތާ އެކު އިދިކޮޅު ފަރާތްތަކުން ރޭ ވަނީ ފުލުހުންނަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި އެދިފައި ވަނީ، ކޮރަޕްޝަނާއި ބޮޑެތި އެހެން ތުހުމަތުތަކެއް ރައީސް ޔާމީންގެ މައްޗަށް ކުރެވި އަދި އެ މައްސަލަތައް ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވަނިކޮށް ފުރާވަޑައިގަތުން ހުއްޓުވައި ދިނުމަށެވެ.