އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި ރައީސް ޔާމީންގެ ބިލްބޯޑަކަށް ބަޔަކު ކަޅުތެޔޮ ޖަހައިފި

ރައީސް އަބްދުﷲ ޔާމީން ޕްރޮމޯޓްކުރުމަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ހަރުކޮށްފައި ހުރި ބިލްބޯޑަކަށް ބަޔަކު ރޭ ކަޅުތެޔޮ ޖަހައިފި އެވެ.


އާޓިފިޝަލް ބީޗް ސްޓޭޖް ފަހަތުގައި މަޖީދީމަގަށްވާ ގޮތަށް ހަރުކޮށްފައި ހުރި ބިލްބޯޑަށް ކަޅުތެޔޮ ޖެހުމުން މިއަދު ހެނދުނު ފުލުހުންނާއި އެމްއާރުޑީސީ އަދި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ވަނީ ސާފުކޮށްފަ އެވެ. އަދި އޭގެ އިތުރު އެ ސަރަހައްދުގައި ހުރި އެހެން ބިލްބޯޑުތަކަށް މީގެ ކުރިން ކަޅުތެޔޮ ޖަހާފައިވެ އެވެ.

ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުން މަގުމަތީގައި ޖަހާފައި ހުރި ބިލްބޯޑުތައް ނެގުމަށްފަހު، މާލޭގެ މުހިންމު ގިނަ ސަރަހައްދުތަކެއްގައި ވަނީ ރައީސް ޔާމީން ކޮށްދެއްވާފައިވާ ކަންތައްތަކުގެ ފޮޓޯ އާއި ލިޔުން ހިމެނޭ ބިލްބޯޑުތަކެއް ހަރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބިލްބޯޑަށް ބަޔަކު ކަޅުތެޔޮ ޖެހި މަައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.