ނަޝީދުގެ ބޮޑީގާޑަކާއި އިތުރު ބަޔަކު ސިފައިންގޭގައި ބަންދުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑަކު ހިމެނޭ ގޮތަށް ސިފައިންގެ ބައެއް މީހުން ސިފައިންގެ މައި މަރުކަޒުގައި ބަންދުކޮށްފި އެވެ.


ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ ހަތަރު މީހެކެވެ. އޭގެ ތެރޭގައި ނަޝީދުގެ ބޮޑީގާޑަކަށް އުޅުނު ފައްތާހު ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައިވާ ކަން އާއިލާއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ހައްޔަރު ކުރި އެހެން މީހުންގެ ނަމެއް، އަދި ހައްޔަރު ކުރި ސީދާ އަދަދެއް ވެސް އަދި ޔަގީނެއް ނޫނެވެ. ހަމަ އެހެންމެ، އެ މީހުން ބަންދުކުރި ސީދާ ސަބަބެއް ވެސް އަދި ސާފެއް ނުވެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ވިދާޅުވީ "ސިފައިންގެ ބަޔަކު ބަންދުކޮށްފައި ތިބެއްޖެ ނަމަ ވެސް އެއީ މީޑިއާއާ ހިއްސާކުރާ ގޮތަށް އޮންނަ މައުލޫމާތެއް ނޫން" ކަމަށެވެ. އެކަމަކު މި ވާހަކަ އަށް އެ ފަރާތުން އިންކާރެއް ނުކުރެ އެވެ.

މި މީހުންނާ ދޭތެރޭ ފިޔަވަޅު އެޅިއިރު ސިޔާސީ އެއްވެސް ފަރާތަކާ ސިފައިން ބައްދަލުކުރުން ވަނީ ރޭ ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ސިޔާސީ މީހުންގެ އިތުރުން އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ޑިޕްލޮމޭޓުންނާއި ބޭރު މީހުން ވެސް ހިމެނެ އެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ މީހަކު، ސިފައިންގެ އިސްވެރިއެއްގެ ހުއްދަ ނެތި، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާއި ގާނޫނަކުން ކަނޑައަޅާފައިވާ އިންތިޚާބެއްގައި ބައިވެރިވާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި އެކްޓިވިސްޓުންނާ ބައްދަލުކުރުން ވެސް މިހާރު މަނާކޮށްފައިވާ ކަމަށެވެ. މިނޫނަސް ރާއްޖޭން ބޭރުގެ ފަރާތްތަކާ ބައްދަލުކުރުމާއި އެފަދަ ފަރާތްތަކާ އެކު އިޖުތިމާއީ އެއްވުންތަކަށް ދިއުމާއި ބައިވެރިވުން ވެސް ޑިފެންސުން މިހާރު ވަނީ މަނާކޮށްފަ އެވެ.

އޭގެ ސަބަބެއް ހާމައެއް ނުކުރެ އެވެ.

ސިފައިންނަކީ ވަކިފަރާތަކަށް ބުރަވުމެއް ނެތި އިންސާފުވެރިކަމާ ތެދުވެރިކަމާއެކު ގައުމީ ވާޖިބު އަދާކުރަންޖެހޭ ބައެއް ކަމަށް ބުނެ ސިފައިންގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތީން އަމަލުތައް ބެހެއްޓުމަށާއި އެންމެހާ ނުފޫޒުތަކުންނާއި ސިޔާސީ ކަންކަމުން ސިފައިން އެއްކިބާވާންޖެހޭނެ ކަމަށް ވެސް ޑިފެންސުން ސިފައިންނަށް ވަނީ އަންގައިފަ އެވެ.