ހައި ކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް މާދަމާ ފަށަނީ

ހދ. ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓު އުތުރު ގޮފީގެ ޝަރީއަތްތައް މާދަމާ ފަށާނެ ކަމަށް ހައި ކޯޓުން ބުނެފި އެވެ.


ހައި ކޯޓު އުތުރު ގޮފީގެ ޝަރީއަތްތައް މި ފަށަނީ އެތަނުގެ މަސައްކަތް ނުފަށާތީ، ވީހާ ވެސް އަވަހަށް ޝަރީއަތްތައް ފެށުމަށް މިދިޔަ އޮގަސްޓް މަހު ސުޕްރީމް ކޯޓުން އަންގާފައި ވަނިކޮށެވެ.

އުތުރު ގޮފީގެ ޝަރީއަތްތައް ފެށުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެހިފައިވާތީ، ގޮފިތަކުގެ ޝަރީއަތް ހިންގުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ގަރާރާ އެއްގޮތަށް އުތުރު ގޮފީގެ ޝަރީއަތްތައް ފެށުމުގެ އިންތިޒާމްތައް މާލޭގެ ހައި ކޯޓުން ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރިން އޮތީ ކަނޑައަޅައިފަ އެވެ.

ހައި ކޯޓުގެ ވެބްސައިޓުގައި ބުނެފައިވާގޮތުގައި އުތުރު ގޮފީގެ އަޑުއެހުންތައް ފެށުމަށް ކުޅުދުއްފުއްޓަށް ވަނީ ތިން ފަނޑިޔާރުންގެ ވަފުދެއް ވަޑައިގެންފަ އެވެ. އެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލީ ސަމީރެވެ.

ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސަބަތްވަނީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅެވެ.

އުތުރު ގޮފި އުފައްދާފައި ވިޔަސް، އެ ގޮފީގެ ޝަރީއަތްތައް މިއަދާ ހަމައަށް ވެސް ނުފެށި އޮތީ ގޮފިތަކުގައި ދާއިމީކޮށް މަސައްކަތް ކުރުމަށް ފަނޑިޔާރުން ފޮނުވަން ޖެހޭއިރު، ހައި ކޯޓަށް އޭރު ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވެފައި އޮތުމުންނެވެ. އެކަމަކު މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ވަނީ ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިބުމުގެ ބަދަލުގައި، ފަނޑިޔާރުންގެ ވަފުދުތައް ގޮފިތަކަށް ދަތުރުކޮށްގެން މައްސަލަ ނިންމާ ގޮތަށް ހަމަޖައްސައިފަ އެވެ.

އައްޑޫގައި ހުންނަ ދެކުނު ގޮފީގެ ޝަރީއަތްތައް ހިންގުމަށްޓަކައި ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދެއް އައްޑުއަށް ވަޑައިގެން، ބައެއް މައްސަލަތަކުގެ ޝަރީއަތް ވަނީ ހިންގައިފަ އެވެ.