މައުމޫން، ބޭސްފަރުވާއަށް މެލޭޝިއާގައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭސްފަރުވާ އަށް މިއަދު މެލޭޝިއާ އަށް ވަޑައިގެންފި އެވެ.


މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއެކު މައުމޫން މެލޭޝިއާ އަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. އެމަނިކުފާނު ފުރާވަޑައިގަންނަވާތީ އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާއި އާއިލާ ބޭފުޅުންނާއި ތާއިދުކުރާ ބައެއް ބޭފުޅުން ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި އެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، އެމަނިކުފާނާއި ނަސްރީނާ މެލޭޝިއާ އަށް ވަޑައިގެންނެވީ މެޑިކަލް ޗެކަޕެއް ހެއްދެވުމަށެވެ. އަދި ޖަލުގައި އަށް މަހެއްހާ ދުވަހު އޮންނެވުމުގެ ސަބަބުން، އެމަނިކުފާނަށް މެޑިކަލް ޗެކަޕެއް މުހިންމު ވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

މައުމޫން މިރޭ ކުރެއްވި ޓުވީޓު.

"އަށް މަހެއްހާ ދުވަސް ވަންދެން ޖަލުގައި ހުންނަން ޖެހުމުން (މެޑިކަލް ޗެކަޕެއް) ބޭނުންވާނެ. ބޭނުން ނުވާނެތޯ؟" މައުމޫން ކުރެއްވި ޓުވީޓުގައި އެއްސެވި އެވެ.

މައުމޫން ރޭ އެއާޕޯޓަށް ވަޑައިގެން، ކުރީގެ ވަޒީރު ކަމާލުއްދީންއާ ސަލާމް ކުރައްވަނީ.

މައުމޫން ވަނީ، އެމަނިކުފާނު ފުރުވަން ފައިސަލް އާއި ރަހްމަތްތެރިންނާއި ސަޕޯޓަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމާ ގުޅިގެން އެ ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މައުމޫން ބޭސް ފަރުވާއަށް މެލޭޝިއާގައި ހުންނެވި އިރު، މިދިޔަ ފެބްރުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމަނިކުފާނު ހައްޔަރުކޮށް، ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރި އެވެ.

މައުމޫން ޖަލުގައި ހުންނެވި ދުވަސްތަކުގައި ސިއްހީ ހާލުކޮޅު ގޯސްވެގެން، ޖަލަށް ޑޮކްޓަރުން ވެސް ގެންދަން ޖެހުނެވެ. އަދި އެމަނިކުފާނު މާލެ ގެނެސްގެން ވެސް ފަރުވާ ދޭން ޖެހުނެވެ.

މައުމޫން މިނިވަންވެފައިވީ ނަމަވެސް، ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެކަމަކު، އެ މައްސަލާގައި އަދި ހުކުމަކާ ހަމައަކަށް ނުދެ އެވެ.