ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދެވަނަ ދައުވާ އަނބުރާ ފޮނުވާލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެއް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.


ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދެވަނަ ދައުވާއެއް ދައުލަތުން އުފުލާފައި އޮތީ އެމަނިކުފާނުގެ ވެރިކަމުގައި 2009 ގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ. އެ މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިޔަސް، އެމަނިކުފާނު އިނގިރޭސި ވިލާތުގެ ހިމާޔަތުގައި ރާއްޖެއިން ބޭރުގައި ހުންނެވުމުން އެ މައްސަލައިގެ ޝަރީއަތް ކުރިއަކަށް ނުގެންދެ އެވެ.

ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައި، އެ މައްސަލައިގައި ނަޝީދު ހައްޔަރު ކުރަން ކޯޓުން ނެރެފައިވާ އަމުރު ވެސް ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި ނަޝީދުގެ މައްޗަށް މިހާރު އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ވެސް ބާތިލް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ހިސާންގެ ޓްވީޓްގައިވެ އެވެ.

ހިސާންގެ ޓްވީޓް

އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ. އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ރަނގަޅަށް ނޫން ކަމަށް ބުނެ، އެމަނިކުފާނު މިނިވަންކުރަން އދ. އާއި ބޭރުގެ ޖަމާއަތްތަކުން ސަރުކާރަށް ކުރިން ގޮވާލާފައިވެ އެވެ.

އަންނަ މަހުގެ 1 ގައި ނަޝީދު ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާއިރު، އެމަނިކުފާނުގެ ފަރާތްޕުޅުން ބުނެފައި ވަނީ ނަޝީދު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.