އިބޫ ހުވާކުރައްވާ ދުވަސް ކަނޑައަޅަން ވޯޓަކަށް!

ދެ މަހަށް ވުރެ ގިނަ ދުވަހަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ އާދިއްތަ ދުވަހު ބާއްވާނެ ކަމަށާއި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހަކާ މެދު ގޮތެއް ނިންމުމަށް އެ ދުވަހުގެ ޖަލްސާގައި ވޯޓަކަށް ދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.


މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޫސަ ވިދާޅުވީ، އޭނާ ގަބޫލް ކުރައްވާ ގޮތުގައި އިބޫ ހުވާ ކުރައްވަން ޖެހޭ ދުވަހަކީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް، އެކަމާ މެދު މަޖިލީހުން ނިންމާ ގޮތެއް ނިންމާނީ އާދިއްތަ ދުވަހު ބާއްވާ ޖަލްސާގައި ކަމަށް މޫސަ ވިދާޅުވި އެވެ.

"ޖުމްހޫރީ ދުވަހަކީ ރައީސުން ހުވާ ކުރައްވަމުން އައިސްފައިވާ ދުވަސް ކަމުގައި ވާތީ އެ ދުވަސް ބަދަލުކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ފެންނަ ކަމެއް ނޫން. އަޅުގަނޑު ބޮޑަށް ބުރަ ވަނީ ނޮވެމްބަރު 11 ގައި ހުވާ ކުރުމަށް،" މޫސަ ވިދާޅުވި އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބޫ ނޮވެމްބަރު 11 ގައި ހުވާ ކުރައްވާ ނަމަ ރައީސް ޔާމީނަށް ފަސް އަހަރުގެ ރިޔާސީ ދައުރެއް ހަމަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނެ ކަމަށް ނޫސްވެރިއަކު ސުވާލު ކުރުމުން މޫސަ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ އެ އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް ވެރިއަކު ކަނޑައަޅަން ބޭއްވި އިންތިޚާބެއް ކަމަށެވެ.

މޫސަގެ އަމިއްލަ ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވީ، 2005 ވަނަ އަހަރު އޭނާ މަޖިލީހަށް އިންތިޚާބުވިއިރު، 2008 ވަނަ އަހަރު އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމާއެކު އެއް އަހަރު ދުވަސް ބާކީ އޮއްވައި ހުރިހާ މެމްބަރުން މަގާމަށް ދުރަށް ވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ވެސް ހަ ދުވަހަށް ދައުވާ ކުރައްވާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް މޫސަ ވިދާޅުވި އެވެ.

ރައީސްކަމުގެ ހުވާ ކުރައްވާނީ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް ވާއިރު އިންތިހާބީ ރައީސް އެދިވަޑައިގަންނަވާ ގޮތަށް އެކަންކަމުގެ ތައްޔާރީވަމުން އަންނަ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ހަމަވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ލަފާދެއްވާފައިވާއިރު އެކަން ވަނީ ގާނޫނީ ބަހުސަކަށް ވެފަ އެވެ. ރައީސް ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރު 11 ގައި މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮވެ އެވެ. އަނެއްކޮޅުން ނޮވެމްބަރު 11 ގައި ހުވާ ކުރުމުގެ ރަސްމިއްޔާތަށް އިބޫގެ ފަރާތުން މިހާރު ވަނީ ދައުވަތު ފޮނުވަން ފަށައިފަ އެވެ.