އެންޓި ޑިފެކްޝަން ގާނޫނެއް ބަދަލަކާއެކު މުހިންމު: އަމީތު

އިންތިޚާބުވި އިރު ތިބި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮންނަ އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަން ޖެހޭ ކަމަށް އެ ގާނޫނުގެ ދަށުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ކުރިން ނިންމި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިރޭ ވިދާޅުވެއްޖެ އެވެ.


ޕީޕީއެމުން އިސްވެ މަޖިލިހުން ފާސް ކުރި އެ ގާނޫނު އުވައިލަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

ޕީޕީއެމުން ވަކިކުރުމުން އެ ގާނޫނުގެ ދަށުން ގޮނޑިގެއްލިފައިވާ ކަމަށް އީސީން ނިންމައިފައިވަނިކޮށް، މެމްބަރުކަން ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނިންމި މެމްބަރު އަމީތު "މިހާރު" އަށް ވިދާޅުވީ މިހާރު ހަދާފައިވާ އެ ގާނޫނަކީ 12 މެމްބަރުންނަށް ހާއްސަކޮށް ހަދާފައިވާ ގޯހެއް ކަމަށެވެ.

މިހާރު ފާސްކޮށްފައި އޮތް އެންޓި ޑިފެކްޝަން ގާނޫނު އިސްލާހުކޮށްގެން ނުވަތަ އެ ގާނޫނު އުވާލުމަށް ފަހު އާ ގާނޫނެއް ހަދައިގެން ނަމަވެސް އެފަދަ ގާނޫނެއް އޮތުން މުހިންމު ކަމަށް އަމީތު ވިދާޅުވި އެވެ.

ސަބަބެއް ކަމަށް އޭނާ ވިދާޅު ވަނީ ރައްޔިތުން ވަކި ޕާޓީއަކުން އިންތިޚާބު ކުރާ މެމްބަރަކީ އެ ޕާޓީގެ ވިސްނުމާއި ނަމުގައި މަޖިލީހަށް އަންނަ މެމްބަރަކަށް ކަމަށްވާތީ އެވެ.

ނަމަވެސް އެ ގާނޫނު ވާންޖެހޭނީ ރައްޔިތުން އިންތިޚާބު ކުރާ މެމްބަރަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރުންގެ ނުފޫޒުގެ ދަށުނުވެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލޭނެ ގޮތަކަށް ފަރުވާ ކުރެވިފައިވާ ގާނޫނަކަށް ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

"ސުލޫކީ ކޮމެޓީއެއްގައި އިންނަވާ ތިން މީހަކަށް ކިހިނެއްތޯ ރައްޔިތުން އިންތިޚާބު ކުރި މަގާމަކުން ވަކިކުރެވޭނީ. ގާނޫނުގެ މުޅި އަމާޒަކަށް ވާން ވާނީ ކުއްލިއަކަށް ގޮނޑި ގެއްލޭ ހިސާބަށް ދިއުމެއް ނޫން. އެހިސާބަށް ދާން ވާނީ ސިޔާސީ ގޮތުން ދައްކަން ޖެހޭ އަގެއް ދެއްކުމަށް ފަހުގައި،" އަމީތު ވިދާޅުވި އެވެ.

އެހެންކަމުން އެކަމަކީ މުޅި މައްސަލައަށް ބަހުސްކޮށް ހައްލެއް ހޯދަން ޖެހިފައިވާ ކަމެއް ކަމަށް އަމީތު ވިދާޅުވި އެވެ.

ޕާޓީ ވަކިކުރާ ހިސާބުން މެމްބަރުކަން ގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކޮށްފައިވަނިކޮށް، އެ ގާނޫނާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، އެ ގާނޫނަކީ ބާތިލް ގާނޫނެއްގެ ގޮތުގައި ކަނޑައަޅަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއްގެ ގޮތުގަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ޕީޕީއެމް ދޫކޮށް، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވި 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިފަ އެވެ. ނަމަވެސް، އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު، ބާކީ ތިއްބެވި އަށް މެމްބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ދަނީ ހިނގަމުންނެވެ.