ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް އަތުލައިގަތް ރަންގަނޑަކީ ދުބާއީން ގެނައި އެއްޗެއް

ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ އެއް ކިލޯގެ ރަންގަނޑަކީ ދުބާއީން ރާއްޖެ އެތެރެކުރި އެއްޗެއް ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.


ރާއްޖެއިން ވަގަށް ބޭރު ކުރަން އުޅެނިކޮށް އެ ރަންގަނޑު މިދިޔަ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީންނަށް ފެނުނީ ލޮނުމަސް ފޮށިގަނޑެއްގެ ތެރެއިންނެވެ. އެ މައްސަލަ ފުލުހުންނާއި ކަސްޓަމްސްއިން އަދިވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ، އެ ރަންގަނޑަކީ ދުބާއީން ރާއްޖެއަށް އެތެރެ ކުރުމަށް ފަހު، ލަންކާއަށް ބޭރުކުރަން އުޅުނު އެއްޗެއް ކަމަށެވެ. އެހެންވެ، އިތުރު ރަންގަނޑުތަކެއް ވެސް ރާއްޖޭގައި ހުރުން އެކަށީގެންވާ ކަމަށާއި އެކަމަކު މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރު ކުރަން އުޅެނިކޮށް އަތުލައިގަތް ރަންގަނޑު.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަންގަނޑުގައި ވަނީ "އެމިރޭޓްސް ގޯލްޑް" މިހެން ލިޔެފަ އެވެ.

އެނގިފައިވާ ގޮތުގައި، ރަންގަނޑު ފެނުނު މަސްފޮށިގަނޑު ލަންކާއަށް ފޮނުވަން އުޅުނީ އޭޒެޑްއެމް އިންވެސްޓްމަންޓް ކިޔާ ކުންފުންޏެއްގެ ނަމުގަ އެވެ. ރަންގަނޑު ބޭރުކުރަން އުޅުނު ކަމަށް ވަނީ ދިވެއްސަކާ ގުޅިގެންނެވެ.

ރަންގަނޑު ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސް ފޮށިގަނޑުތައް ސްކޭން ކުރަމުން ދަނިކޮށެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ