އިބޫ ހުވާ ކުރައްވަން ޖެހޭނީ ނޮވެމްބަރު 11 ގައި: ފާއިޒް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ އަންނަ ނޮވެމްބަރު މަހުގެ 11 ގައި ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.


މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބޫ ހުވާ ކުރައްވާނެ ދުވަހާ މެދު ބޮޑު ބަހުސެއް އުފެދިފައިވާއިރު، ވެރިކަން ކުރާ ޕާޓީ ޕީޕީއެމާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް ގަބޫލު ކުރައްވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރައްވާ ގޮތުގައި އިބޫ އަށް ނޮވެމްބަރު 11 ވަނަ ދުވަހު ހުވާ ކުރެއްވެން ވާނެ އެވެ. އަދި އިބޫ ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހަކާ މެދު، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވޯޓަކުން ގޮތެއް ނިންމާނެ އެވެ.

މި ހިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން، ފާއިޒްގެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބީ ރައީސަށް މަގާމު ހަވާލު ކުރުމަކީ ރައްޔިތުންގެ މަޖިލީހާއި ގާނޫނުއަސާސީން މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށެވެ.

އިންތިޚާބީ ރައީސް ހުވާ ކުރައްވާނެ ދުވަހެއް ރައްޔިތުންގެ މަޖިލީހަށް ކަނޑަނޭޅިއްޖެ ނަމަ، ނޮވެމްބަރު 11 ގެ ކުރިން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަ އަކަށް އެދެވިދާނެ ކަމަށް ފާއިޒު ވިދާޅުވި އެވެ.

އެ ނުކުތާ އަށް ފަހު، ފާއިޒް މިސާލު ނެންގެވީ ގާނޫނުއަސާސީގެ ބައެއް މާއްދާތަކާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ވެރިކަމުގެ ފަހު ދުވަސްކޮޅު ހިނގައިދިޔަ ކަންކަމުގެ މައްޗަށެވެ.

ގާނޫނުއަސާސީގެ 301 ވަނަ މާއްދާއާ ހަވާލާ ދެއްވައި ފާއިޒް ވިދާޅުވީ، އެ މާއްދާއިން ހާސިލްވާނެ ކަންކަމުގެ ތެރޭގައި ރިޔާސީ ދައުރު ނިމުމުގެ ކުރިން އިންތިޚާބެއް ބާއްވަން ޖެހޭނެ ކަމާއި ނޮވެމްބަރު 11 އަށް ރިޔާސީ ދައުރެއް ނިމޭނެ ކަމާއި ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސް ހުވާ ކުރަން ޖެހޭނެ ކަން ހިމެނެ އެވެ.

ގާނޫނުއަސާސީގެ 301 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބު އޮކްޓޯބަރު 10، 2008 ގައި ބާއްވައި ނިންމަން ވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އިންތިޚާބީ ރައީސް ނޮވެމްބަރު 11، 2008 ގައި ހުވާކޮށް، މަގާމާ ހަވާލުވާން ވާނެ ކަމަށެވެ.

ފާއިޒު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 301 ވަނަ މާއްދާ އާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމުގައި ގާނޫނުއަސާސީގައި ބުނާ 107 ވަނަ މާއްދާއާ ގުޅުވުމުން، ކޮންމެ ފަސް އަހަރަކުން ރިޔާސީ ދައުރު ފެށޭނީ ނޮވެމްބަރު 11 ގައި ކަމާއި ކޮންމެ ފަސް އަހަރަކުން ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރު 11 ގައި ކަން އެނގެ އެވެ.

ނޮވެމްބަރު 17، 2013 ގައި މިހާރުގެ ރައީސް ޔާމީން ހުވާ ކުރައްވަންދެން ރައީސް ވަހީދު އިސްތިއުފާ ނުދެއްވައި ހުންނެވީ ސްޕްރީމް ކޯޓުގައި އޭރު ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެގޮތަށް ނިންމުމުންނެވެ. ވަހީދަށް އެ ހާލަތުގައި މަގާމުގައި ދެމި ނުހުންނެވޭނެ ކަމަށް ރައުޔު ދެއްވީ ތިން ފަނޑިޔާރެކެވެ. އޭގެ ތެރޭގައި ފާއިޒު ވެސް ހިމެނި ވަޑައިގަންނަވަ އެވެ.

ފާއިޒު ވިދާޅުވީ މަގާމުގައި ދެމި ނުހުންނެވޭނެ ކަމަށް ލަފާ ދެއްވުމުން އޭނާއާ ވަހީދު ބައްދަލުކުރެއްވި ކަމަށެވެ. އިސްތިއުފާ ދެއްވަން ވެސް އެ ބައްދަލުވުމުގައި ވަހީދަށް ދެންނެވި ކަމަށާއި އިސްތިއުފާގެ ސިޓީފުޅު އެމަނިކުފާނު ތައްޔާރު ކުރެއްވިކަން ވެސް އެނގިވަޑައިގެންނެވި ކަމަށް ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ އެ ގޮތަށް ވަހީދަށް ލަފާ އެރުވީ ނޮވެމްބަރު 11 ގެ ފަހުން ރައީސަކު އިންތިޚާބު ނުކުރެވުނު ނަމަވެސް މަޖިލީހުގެ ރައީސަށް ސަރުކާރު ހިންގުމާ ހަވާލުވެވޭނެތީ ކަމަށެވެ.

ގާނޫނުއަސާސީގެ ގިނަ މާއްދާތަކަށް ރިއާޔަތް ކުރައްވައި ފާއިޒް ވިދާޅުވީ، ރިޔާސީ ދައުރަކީ ކަނޑައެޅިފައިވާ ހާއްސަ މުއްދަތެއް ކަމާއި ހުވާ ކުރާ ދުވަހަކީ ދައުރު ގުނަން ފަށާ ދުވަސް ނޫން ކަން ޔަގީންވާ ކަމަށެވެ.