އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިނުގެންފާނެ

އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.


އިންޑިއާގެ އިސް އޮފިޝަލަކާ ހަވާލާދީ، އެ ގައުމުގެ "ދަ ވަޔާ" ނޫހުން ބުނީ އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވުމާ މެދު އިންޑިއާ ސަރުކާރުން ގޮތެއް ނިންމާނީ އެ ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުންގެ ލިސްޓް ލިބުމުން ކަމަށެވެ. އޮފިޝަލާ ހަވާލާދީ އެ ނޫހުން ބުނީ ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭރުގެ ލީޑަރުން ގިނަ ނަމަ މޯދީ ވަޑައެއް ނުގަންނަވާނެ ކަމަށެވެ.

"އެންމެންނަށް ދައުވަތު ދީފި ނަމަ ދެން ޕްރޮޓޮކޯލްއާ އެއްގޮތަށް އިންޑިއާގެ ބޮޑުވަޒީރު ވެސް ވެވަޑައިގަންނަވާނީ ގިނަ ބޭފުޅުންތަކެއްގެ ތެރެއިން އެއް ބޭފުޅަކަށް (މޯދީ ހާއްސައެއް ނުވާނެ)،" އޮފިޝަލް ވިދާޅުވި ކަމަށް ދަ ވަޔާގެ ރިޕޯޓުގައި ވެއެވެ.

އެމްޑީޕީ ހިމެނޭ ގޮތުން ރާއްޖޭގެ އިދިކޮޅު ޕާޓީތަކާ ދުނިޔޭގެ ގައުމުތަކާ ގާތް ގުޅުމެއް އެބައޮތެވެ. އެހެންވެ އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެހެން ބައެއް ވެރިން ވެސް ވަޑައިގަންނަވާނެ ކަމަށް އިންޑިއާއިން ދެކެއެވެ. މޯދީ ރާއްޖެ އަށް ދަތުރެއް ކުރައްވަން ކުރިއްސުރެ ދައުވަތު ދީފައިވާ އިރު އެ ދައުވަތު އެމަނިކުފާނު ވަނީ ގަބޫލު ވެސް ކުރައްވައިފަ އެވެ.

އިބޫ ހުވާ ކުރައްވާނެ ކަމަށް މިހާރު ބެލެވެނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. ހުވާ ކުރައްވާނެ ދުވަހަކާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ވޯޓަކަށް މިއަދު ދާނެ އެވެ.