ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތައް ފެނު އަޑީގައި

ފަހަކަށް އައިސް މާލޭގައި ފެން ބޮޑުވެފައި ނުވާ ވަރަށް، މިއަދުގެ ވިއްސާރައިގައި ފެން ހެދި، ބައެއް ސަރަހައްދުތަކުގައި ވެހިކަލް ދުއްވަން ވެސް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.


ހެނދުނު 11:30 ހާއިރުން މާލެ އަށް ވަރަށް ބޯކޮށް ދަނީ ވާރާވެހެމުންނެވެ. އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ އަމީނީމަގާއި އައިޖީއެމްއެޗް ހުންނަ ސަރަހައްދުގަ އެވެ. އެ ދެ ސަރަހައްދުގައި ފެން ބޮޑުވެފައި އޮތްލެއް ބޮޑުކަމުން، ބައެއް އުޅަނދުތަކަށް ގެއްލުންތައް ވެސް ވަނީ ލިބިފަ އެވެ.

އާންމުކޮށް ފެން ބޮޑުވާ ހިސާބުތަކުގެ އިތުރުން، ތާރު އަޅައިގެން އަލަށް ހެދި ރިންގް ރޯޑުގެ އެކި ހިސާބުތަކުގައި ވެސް މިއަދު ފެން ބޮޑުވި އެވެ.

ބައެއް މީހުން ބުނި ގޮތުގައި މި ފަހުން މިވަރަށް މާލޭގައި ފެން ބޮޑުވެފައެއް ނުވެ އެވެ.

ފެން ބޮޑުވެ ވެހިކަލް ދުއްވުމާއި ހިނގާބިނގާވެ އުޅެން ދަތިވާ ހިސާބަށް ދިއުމުން ސިފައިން ނުކުމެ ފެން ހިންދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެކަމަކު އަދިވެސް އަމީނީ މަގުގެ ބޮޑު ސަރަހައްދެއްގައި ހެދިފައި އޮތް ފެންގަނޑު ތިރިއަކަށް އަދި ނުދެ އެވެ.

މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އެގޮތުން މާލެ އަށް ވެސް، އަންނަ ބުދަ ދުވަހާ ހަމައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން އެންމެ ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވެނީ މެދުތެރެއާ ދެކުނުގެ ހިސާބުތަކަށެވެ. އަންނަ ހަފުތާ ބަންދުގައި މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި ދެކުނުގެ ހިސާބުތަކަށެވެ.

މަގުތަކުގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެފައި ވާއިރު އެކަމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެއް ބަޔަކު ބުނިގޮތުގައި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި މާލޭގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅެން ދަތިވީ، ފެންބޮޑުވުމުގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ހައްލުކޮށްފައި ނުވާތީ އެވެ.

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއެއް، ފިޔަވަހިތަކަކަށް ބަހާލައިގެން ހައުސިން މިނިސްޓްރީން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އެކަށީގެންވާ ހައްލެއް ނުހޯދެ އެވެ.

މޫސުމާ ބެހޭ އޮފީހުން ބުނިގޮތުގައި ފާއިތުވި އަށް ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިވެފައި ވަނީ ގއ. ގެމަނަފުއްޓަށެވެ. އެ ރަށަށް 81 މިލިލީޓަރުގެ ވާރޭވެހިފައި ވެ އެވެ.

ރާއްޖޭގެ ތާރީހުގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ސ. ގަމަށެވެ. އެ ރަށަށް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ވަނީ 228 މިލިލީޓަރުގެ ވާރޭވެހިފަ އެވެ.