ކުރީގެ ފޮރިން މިނިސްޓަރު ނަސީމް މާލެ ނުގެންދެވޭނެ: ނަޝީދު

އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ކުރެއްވި އަހުމަދު ނަސީމް މާލެ ނުގެންދެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.


ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަސީމް މާލެ ވަޑައިގަންނަވާނީ "އަޅުގަނޑުމެން ބޭނުންވާ ވަގުތު" ކަމަށެވެ. ނަމަވެސް އެއީ ކޮން ވަގުތެއް ކަމަށް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

ނަޝީދު ކުރެއްވި ޓުވީޓު.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން 14 ދުވަސް ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ނަސީމަށް އަންގާފައި ވަނިކޮށެވެ. ފުލުހުން ބުނީ ނަސީމް ރާއްޖޭން ބޭރުގައި ހުންނެވުމުން ޗިޓް ހަވާލުކުރެވިފައި ނުވާ ކަމަށެވެ.

‎ނަސީމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ތަހުގީގަށް ކުރަން ޖެހޭ ސުވާލުތައް ކުރުމަށާއި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދޭނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެ އެވެ.

މި މުއްދަތުގެ ތެރޭގައި ތަހުގީގަށް ހާޒިރު ނުވެއްޖެނަމަ އަޅަން ޖެހޭ ގާނޫނީ އެހެނިހެން ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައި ފުލުހުން ބުންޏެވެ.

ނަސީމްގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ރާއްޖެ ޓީވީގެ ކުރީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ފުލުސް އޮފީހަށް ހާޒިރުވާން މި މަހުގެ ހަތަރު ވަނަ ދުވަހު ފުލުހުން ވަނީ އަންގައިފަ އެވެ. އެ ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރު ކުރަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގެ ތަހުގީގަށެވެ. ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން ދިން މުއްދަތު ހަމަވާނީ އަންނަ ބުދަ އަށެވެ.