އީސީގެ ކުރީގެ މުވައްޒަފުންނަށް ކޮމިޝަންގެ ނަމުގައި ބަޔަކު ބިރު ދައްކަމުންދޭ: އީސީ

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އިލެކްޝަންސް ކޮމިޝަންގައި ވަގުތީ ގޮތުން މަސައްކަތްކުރި މުވައްޒަފުންނަށް އެ ކޮމިޝަންގެ ނަމުގައި ބައެއް ފަރާތްތަކުން ގުޅައި، އެ މީހުން ސުވާލުކޮށް، ބިރު ދައްކަމުންދާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.


އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައިވަނީ ވަގުތީ ގޮތުން މަސައްކަތްކުރި މުވައްޒަފުންނަށް ކޮމިޝަންގެ ނަމުގައި ގުޅައި، ކޮމިޝަންގެ އިމާރާތާ ހަމައަށް އެ މީހުން ގެނެސް، އޮޅުވާލައިގެން އެހެން ތަންތަނަށް ގެންދިއުމަށް ފަހު ކޮމިޝަންގެ ނަމުގައި ސުވާލުކޮށް، ބިރު ދައްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ކޮޮމިޝަންގެ ބައެއް މެމްބަރުންނާއި މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ވެސް ބިރު ދައްކަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކޮމިޝަންގައި ވަގުތީ ގޮތުން މަސައްކަތްކުރި މުވައްޒަފުންނާއި ކޮމިޝަންގެ ރަސްމީ މުވައްޒަފުންގެ ފަރާތުން ވެސް ކޮމިޝަނުން މައުލޫމާތެއް ސާފު ކުރާނީ ރަސްމީ ލިޔުމަކުން ނުވަތަ ކޮމިޝަންގެ ފޯން ލައިނަކުން ކަމަށެވެ.

އެ ބަޔާނުގައިވަނީ އެފަދަ އަމަލުތަކަކީ ސިޔާސީ ޕާޓީއަކުން ކުރާ އަމަލުތަކެއް ކަމަށް ވިޔަސް، އެއީ ޕާޓީތަކުގެ ގާނޫނާ ޚިލާފް އަދި ނާތަހުޒީބް އަމަލެއް ކަމަށާއި އެކަން ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ކޮމިޝަންގެ މުވައްޒަފުންގެ ޒާތީ ދިރިއުޅުމުގެ ހައްގަށް އަރައިނުގަތުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ