ވަގަކު ހުއްޓުވައި ސާމާނު އަތުލި ގޮތުން ތައުރީފް

ފިހާރައަކުން ވައްކަން ކުރަމުން ދިޔަ ވަގަކު ހުއްޓުވައި، އޭނާ އަތުގައި ހުރި ސާމާނު ގަދަކަމުން އަތުލި ގޮތުގެ ވީޑިއޯއެއް، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.


ސޯޝަލް މީޑިއާގައި ދައުރުވާ އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އެއީ މިދިޔަ ބުދަދުވަހު ހެނދުނުގެ ވަގުތެއްގައި، މާލޭގައި ހިނގި ވައްކަމެކެވެ. ވީޑިއޯ އިން ފެންނަނީ، ފިހާރައަކަށް ވަދެ ފިރިހެނަކު، ސިއްރުން ކޮތަޅަކަށް ރީތިވާ ސާމާނު އަޅާ ތަނެވެ. މީހެއްގެ ހިލަމެއްވޭތޯ ވެސް ދޭތެރެއަކުން ބަލައިލަ އެވެ.

އިރުކޮޅަކުން އޭނާ ކުރިމަތިލާން ޖެހުނީ ފިސާރި އަންހެނަކާ އެވެ. ހުށިޔާރުކަމާ އެކު އޭނާއާ އަރާ ހަމަކޮށް، ވަގަށް ނެގި ސާމާނު ކޮތަޅު އަތުލަން މަސައްކަތް ކުރެ އެވެ. އަންހެންމީހާ އަށް ދޫނުދީ، ފިލަންވެގެން ވެސް ވަގުކަލޭގެ އުޅުނެވެ.

އަންހެންމީހާ ކޮއްޕާލުމުން، ގޮސް އެތަނުގައި ހުރި ހެދުން ހަރުގަނޑެއްގައި ވެސް ޖެހުނެވެ. އެވަރުން ވެސް ދޫނުކޮށް، ވަގުކަލޭގެ ހިފަހައްޓައި އޭނާ އަތުގައި ހުރި ހުރިހާ ސާމާނެއް އެ އަންހެންމީހާ ގަދަކަމުން އަތުލަ އެވެ. ވަގުކަލޭގެ ފިހާރައިން ނުކުމެގެން ދާން ޖެހުނީ ހުސް އަތާ އެވެ.

މި މައްސަލަ ޕޮލިހަށް ހުށަހެޅި ކަމެއް ޔަގީނެއް ނުވެ އެވެ.

ވައްކަން ހުއްޓުވަން އަންހެންމީހާ ކުރި ހިތްވަރަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. އެއް ބަޔަކު އޭނާ ސިފަކުރީ، "ގަޓު ހުރި އަންހެނެއް"ގެ ގޮތުގަ އެވެ.

އަނެއް ބަޔަކު ބުނިގޮތުގައި، އެގޮތަށް ފިރިހެނަކާ އެކަނި ކުރިމަތިލާން ކެރޭނީ ވަރަށް މަދު އަންހެނަކަށެވެ. އެހެންވެ، އެ އަންހެންމީހާގެ ހިތްވަރަކީ ނަމޫނާއެއް ކަމަށް ބަލައިގަތުމަށް ނަސޭހަތް ވެސް ދީފައިވެ އެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ