ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބުރާހީމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަޑައިގަތުމުފެ ފުރުސަތު ބޮޑުކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
އިބޫ ހުވާކުރެއްވުމުގެ އިންތިޒާމް ހަމަޖައްސާ ކޮމިޓީއާ ގާތް ގުޅުމެއް އޮންނަ ފަރާތަކާ ހަވާލާދީ އިންޑިއާ ޓުޑޭ ނޫހުން ބުނީ މޯދީގެ ދަތުރުފުޅަށް އިންޑިއާ ސަރުކާރުން ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ. އެ ރަސްމިއްޔާތުގެ ހަވާސާގައި ދެބޭފުޅުންގެ ބައްދަލުވުމެއް އޮންނާނެ ކަމަށް ވެސް އެ ނޫސްތަކުން ބުންޏެވެ.
އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ "މިހާރު" އަށް ވިދާޅުވީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ވަޑައިގަތުމަށް ފޮނުއްވި ދައުވަތު ޑިޕްލޮމެޓިކް ޗެނަލްތަކުން ޕްރޮސެސްވަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ކުރިން ބުނެފައިވާ ގޮތުގައި، ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިގަތުމަށް އިސްކަން ނުދެއްވީ އެ ރަސްމިއްޔާތުގައި އެހެން ލީޑަރުން ވެސް ބައިވެރިވެ ވަޑައިގަންނަވާއިރު، އެއީ މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރަށް ވެފައި އެ ދަތުރުގެ ހާއްސަކަން ކުޑަވެދާނެތީ އެވެ.
ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ބޭރުގެ ލީޑަރުންގެ ތެރެއިން އެއްވެސް ބޭފުޅަކު ވަޑައިގަންނަވާނެ ކަން ނުވަތަ ނޫންކަން އަދި ކަށަވަރުވެފައެއް ނުވެ އެވެ.
އޮކްޓޯބަރުމަހުގެ 24 އިން 26 އިންޑިއާ އެކްސްޓާނަލް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޑިނޭޝް ޕަޓްނައިކް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މޯދީގެ ދަތުރާ ބެހޭ ގޮތުން ވަނީ ޓްރާންސިޝަން ކޮމިޓީއާ އެކު މަޝްވަރާކުރައްވައިފަ އެވެ.
މޯދީގެ ބޮޑުވަޒީރުކަމުގައި ސަރަހައްދީ ގައުމުތަކުގެ ތެރެއިން ވަޑައިނުގެން އޮތީ ރާއްޖެ އެކަންޏެވެ.