ނަސްރުގެ ދުވަހުގެ މިޔުޒިކަލް ޑްރިލް ޖުމްހޫރީ މައިދާނުގައި

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މިޔުޒިކަލް ޑްރިލް ޖުމްހޫރީ މައިދާުނުގައި މިއަދު ބާއްވަން ނިންމައިފި އެވެ.


އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނީ، ޖުމްހޫރީ ދުވަހުގެ ހާއްސަ ޑްރިލް މިއަދު ހަވީރު 4:00 ގައި ފަށާނެ ކަމަށެެވެ. އެ ހަރަކާތްތައް ބަލައިލުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލެވިފައިވާ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން މާދަމާ 5:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި އަދި އޭގެ އަނެއް ދުވަހު ވިލިމާލެ ބަނދަރު ސަރަހައްދުގައި ވެސް މިއުޒިކް ޑްރިލް އޮންނާނެ އެވެ.

ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފުން ވަނީ ތަފާތު ހަރަކާތްތައް ހިންގައިފަ އެވެ. އެގޮތުން މިއަދު ހެނދުނު ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓުކުރުމާއި ގާޑް މައުންޓުކުރުން ބާއްވާފައި ވެ އެވެ.

ސިފައިންގެ އޭރިއާ ހެޑްކުއޯޓާތަކުގައި ފަތިސް ނަމާދު ޖަމާއަތުގައި ކުރުމާއި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު ވެސް ބާއްވާފައި ވެ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ރާއްޖެ އަރައި ދިން ހަމަލާގެ ނާކާމިޔާބުވެ ދިވެހިންނަށް ލިބުނު ނަސްރު ގެ ހަނދާނ އައު ކުރުމަށެވެ. އެ ހަމަލާގެ ސަބަބުން ސިފައިންގެ އަށް މީހުންނާއި އާންމުންގެ 11 މީހުން ވަނީ ޝަހީދުވެފަ އެވެ.