ސިޔާދަތަށް ނުރައްކާވާ މިންވަރަށް ކޮރަޕްޝަންގެ ބިރުވެރިކަން އެބައޮތް: އާދަމް ޝަރީފު

ގައުމުގެ ސިޔާދަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގައި ކޮރަޕްޝަންގެ ބިރުވެރިކަން އެބައޮތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.


މިއަދު ފާހަގަ ކުރަމުންދާ ނަސްރު ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ކުރުމަށްޓަކައި ކޮރަޕްޝަނަށް ދެވި ހިފުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކަންކަން "ޚަރާބު ވެފައިވާ" ކަމަށެވެ. އަދި ކޮރަޕްޝަންގެ ސަބަބުން ގައުމުގެ ސިޔާދަތާއި މަސްލަހަތަށް ނުރައްކާވަމުންދާ މަންޒަރު އެބަ ފެންނަ ކަމަށާއި އެކަންކަން އޮތީ ބިރުވެރިވާން ޖެހޭ ދަރަޖައެއްގައި ކަމަށާއި ގައުމިއްޔަތަށް ބަދަލު ގެނެވިދާނެ ކަމުގެ އިންޒާރުގެ ރަނގަބީލު ޖެހެމުންދާ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.

"ނަޒާހަތްތެރިކަމާއި އިންސާފުގެ ތިލަފަތުގެ މީޒާނަކީ އަދި އަނިޔާ އާއި ބޭއިންސާފުގެ ހަންމުށި ހުއްޓުވައިދެނީ ކޮރަޕްޝަނާއި މާދިއްޔަތާއި ނުފޫޒުން ކަމަށް ގަބޫލު ކުރަންޖެހޭ ފަދަ މަންޒަރުތައް އަޅުގަނޑުމެންނަށް މިއަދު މިދަނީ ފެންނަމުން." އާދަމް ވިދާޅުވި އެވެ.

ކޮރަޕްޝަނަކީ މީގެ އެތައް ދުވަހެއް ކުރީއްސުރެން ފެށިގެން ދައްކަމުން ގެންދާ ވާހަކައެއް ކަން ފާހަގަ ކުރައްވައި، އާދަމް ވިދާޅުވީ ކޮރަޕްޝަންގެ ސަބަބުން ގައުމުގެ މަސްލަހަތު ގެއްލޭ މިންވަރަށް ބައެއް ތަންތަނުގެ ހާލަތު ގޮސްފައި އެބަހުރި ކަމަށެވެ. އެކަން ހުއްޓުވުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ރައްޔިތުންގެ މަންދޫބުންނާއި އަމިއްލަ ޖަމާއަތްތަކުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެހެން ނޫން ނަމަ، އޭގެ ގެއްލުން ފަހުން ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ނޫނީ ވިއްޔާ އިސާހިތަކު ދިވެހިންގެ ސިޔާދަތު ގެއްލިދާނެ. ދިވެހިން އަޅުވެތި ވެދާނެ،" އާދަމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ޑިފެންސް މިނިސްޓަރާއި ސިފައިންގެ އޮފިސަރުން --މިހާރު ފޮޓޯ/ނިޝާން އަލީ

ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އާދަމް ވިދާޅުވީ އޭގެފަހުން ވެސް އެފަދަ ހާދިސާތައް ރާއްޖެއަށް ވަނީ ކުރިމަތިވެފައި ކަަމަށެވެ. މި ސަރުކާރުގެ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެފަދަ ހާދިސާތައް ދިމާވި މިންވަރު އިތުރުވި ކަމަށާއި އެކަންކަމުން ސަލާމަތް ވެވުނީ ރައީސް އަބްދުﷲ ޔާމީން ސާބިިތުވެ ހުންނެވުމާއި އެ ހާދިސާތަކުގައި ސިފައިން ކުރި ހަރުދަނާ މަސައްކަތްތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ނުފޫޒު އެއްކިބާވެ، ގައުމު އިސް ކުރައްވައިގެން ދިވެހި ސިފައިން ވަނީ އެތައް އަނދަވަޅަކަށް ވެއްޓެމުން ދިޔަ މި ގައުމު ސަލާމަތްކޮށް ދެއްވާފައި،" އާދަމް ވިދާޅުވި އެވެ.

ބޭރުގެ ނުފޫޒުތަކަށް އިޝާރާތް ކުރައްވައި، އާދަމް ވިދާޅުވި ގޮތުގައި ގައުމުތަކުގެ ވެރިކަން ބަދަލު ކުރުމުގައި ގިނަ ފަހަރަށް އެންމެ އިސް ދައުރެއް އަދާ ކުރާނީ އެ ގައުމަކާ މެދު ހަސަދަވެރިވާ ފަރާތްތަކެއް ނުވަތަ ގައުމުތަކެކެވެ. ބޭރުގެ ގައުމުތަކުން އެކަން ކުރަނީ ހައްގުތަކާއި މިނިވަންކަމުގެ ވާހަކަ ބަހަނާއަކަށް ދައްކައިގެން، ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، ހަމަނުޖެހުން އުފައްދައިގެން ކަމަށާއި ޚާއްސަކޮށް، އިސްލާމީ ގައުމުތަކަށް މި ނުރައްކާ ވަކިން ބޮޑު ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.

"އެފަދަ ގައުމުތަކުގެ ވެރިންނާ މެދު ދުނިޔޭގެ ބޮޑެތި ގައުމުތަކުން ގެންގުޅެނީ ހިޔަޅުގެ ބުއްދި. ޚާއްސަކޮށް އިސްލާމީ ގައުމުތަކާ މެދު ބާރު ގަދަ ގައުމުތަކުން ކަންތައް ކުރަނީ ކަނޑުގެ އުސޫލުން. ބޮޑެތި ގައުމުތައް އަޑީގައި ތިބެގެން ދުނިޔޭގެ އިސްލާމީ ޒައީމުން އެކަހެރިކޮށް، ނުވަތަ އަޒުލް ކުރަމުންދަނީ މިދެންނެވި އުކުޅުތައް ބޭނުން ކޮށްގެން،" އާދަމް ވިދާޅުވި އެވެ.

އާދަމް ވިދާޅުވި ގޮތުގައި ވެރިންގެ އަބުރު ކަތިލައި، މުއައްސަސާތަކާ މެދު އިތުބާރު ގެއްލުވާލަން ދައްކާ ހަގީގަތާ ޚިލާފް ވާހަކަތަކަކީ ތެދު މައުލޫމާތު ކަމަށް ދެއްކުމުގެ ސަގާފަތެއް ވެސް މިހާރު ދުނިޔޭގައި ދަނީ ފަތުރަމުންނެވެ. އަދި ކުށެއް ނެތް މީހުންގެ ހައްގަށް ވުރެ ސިޔާސީ މީހުންގެ ހައްގުތައް އިސް ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި އެއީ ވެސް އިންސާފުތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ވަކި ބައެއްގެ ހައްގުތަކުގެ ވާހަކަ ދައްކާފައި، ދެން ތިބި މީހުންގެ ހައްގުތަކުގެ ވާހަކަ އާއި އެ މީހުންގެ އިމްތިޔާޒްތަކުގެ ވާހަކަ ނުދައްކާ ހިމޭނުން ތިބުމަކީ އިންސާފުތޯ؟. އެއްވެސް ކުށެއް ނެތި މަގުމަތީގައި އުޅެމުންދާ މީހުން މަރާލުމަށް ފަހު އެ މީހުންނަށް ލިބެންޖެހޭ އިންސާފު ލަސްވަމުންދާތީ ކަންބޮޑު ނުވަނީ ކީއްވެގެންތޯ؟" އޭނާ ސުވާލު ކުރެއްވި އެވެ.

"ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް. އެހެންވީމަ ހުރިހާ މުއައްސަސާތަކުން ވެސް އެކަން ކަށަވަރުކޮށްދޭ ނަމަ ކިހާ ރަނގަޅު ވާނެތޯ؟" އާދަމް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ނޮވެމްބަރު 3 ގައި ދިވެހި ސިފައިން ދެއްކީ ވަރަށް ވަރުގަދަ ހިތްވަރެއް ކަމަށާއި އަދި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި މަސައްކަތްޕުޅާއި ރާއްޖެ ސަލާމަތް ކުރުމުގައި އެދުވަހު އިންޑިއާ ސަރުކާރުން ފޯރުކޮށް ދިން އެހީތެރިކަމަށްޓަކައި ވެސް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.