އާއިލާ އަދި ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭ ފޯމު ފުރުމުގެ ގައިޑްލައިނެއް ނެރެފި

އާއިލާއާ ބެހޭ މައްސަލަތަކާއި ގެވެށި އަނިޔާއިން ރައްކާތެރިވުމަށް އެދި ހުށަހަޅާ ފޯމު ފުރުމުގެ ގައިޑްލައިނެއް ފެމިލީ ލީގަލް ކްލިނިކުން މިއަދު ނެރެފި އެވެ.


އެމެރިކާ އެމްބަސީގެ އެހީތެރިކަމާ އެކު ތައްޔާރުކުރި އެ ގައިޑްލައިންގައި ހަރަދުގެ މައްސަލައާ ގުޅިގެން ފޯމު ފުރާނެ ގޮތާއި އާއިލީ އެހެނިހެން މައްސަލަތަކުގެ ދައުވާ ފޯމު ފުރާނެ ގޮތާއި ވަރިކުރުމަށް އެދި ހުށަހަޅާ ފޯމު ފުރާނެ ގައިޑްލައިންގެ އިތުރުން ވަރިވުމަށް އެދި ހުށަހަޅާ ފޯމު ފުރާނެ ގޮތާއި ހަޟާނާތާ ގުޅޭ މައްސަލަތަކާއި ރައްކާތެރިކަމަށް އެދޭ އަމުރުގެ ފޯމު ފުރާނެ ގޮތް ވެސް ގައިޑްލައިންގައި ހިމެނެ އެވެ.

އެ ގައިޑްލައިން ނެރެދިނީ، ފެމިލީ ލީގަލް ކްލިނިކް ބޯޑުގެ ދެ މެމްބަރުން ކަމަށްވާ ޓްރެޝަރާ އަހުމަދު މައުރޫފް އަދި ސެކްރެޓަރީ ޑރ. ޝިފާ ރިޒާ އެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން މައުރޫފު ވިދާޅުވީ އެފަދަ ގައިޑްލައިނެއްގެ އެހީތެރިކަން ބޭނުންވާ އެތައް ބަޔަކު ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅެމުން އަންނަ ކަމަށެވެ. އެހެންވެ އާއްމުންނަށް ފަސޭހައިން ނަގައިގަނެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ގައިޑްލައިން ތައްޔާރުކުރެވުމުން ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައިޑްލައިންގެ ސަބަބުން ކޯޓަށް ހުށަހަޅާ އެންމެ އާދައިގެ ފޯމު ފުރުމަށް ވެސް ފަސޭހަވާނެ. އާއިލާ އާއި ގެވެށި އަނިޔާ ފަދަ އާއްމުން އެންމެ ބޮޑަށް ބޭނުންވާ ފަދަ ދާއިރާތަކުން،" މައުރޫފު ވިދާޅުވި އެވެ.

ޝިފާ ވިދާޅުވި ގޮތުގައި ފޯމު ހުށަހަޅަން އެހީތެރިވެދޭ ގައިޑްލައިނުން، އިންސާފު ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް އެހީތެރިވެދޭނެ އެވެ. ކޯޓަށް ހުށަހަޅާ ފޯމު ފުރުމުގައި ވެސް ގާނޫނީ އެހީތެރިކަން ބޭނުންވާނެ ކަމަށާއި އެހެން ނޫންނަމަ ބޮޑު ގޮންޖެހުމަކާ ކުރިމަތިވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ޖަމިއްޔާގެ ކޯ ޗެއާޕާސަން ވަކީލް ޝަފިއާ ރިޒާ ވިދާޅުވީ މިހާތަނަށް 300 އަށްވުރެ ގިނަ މީހުންނަށް އެ ފަރާތުން އެހީތެރިކަން ދީފައިވާ ކަމަށެވެ. އޭގެ އިތުރުން އެންމެ ގިނަ މީހުން ބޭނުންވަނީ ކޯޓަށް ހުށަހަޅާ ފޯމުތައް ފުރާނެ ގޮތްތައް ބެލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ގިނައީ ހަރަދާއި ބެލެނިވެރިކަމާއި ވަރި އަދި ގެވެށި އަނިޔާގެ މައްސަލަތަކުގައި އެހީތެރިކަން ހޯދަން އަންނަ މީހުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.