އެއްވެސް ޝަރީއަތެއް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނުދޭން ނިންމައިފި

ރާއްޖޭގެ އެއްވެސް ކޯޓެއްގެ ޝަރީއަތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނުދިނުމަށް މިއަދު ނިންމައިފި އެވެ.


ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ބުނީ އަޑުއެހުންތަކާއި ޝަރުއީ ދާއިރާއިން ބާއްވާ ހަރަކާތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނުދޭން ނިންމީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ސްޓޭޝަނުން ގެނެސްދިން ޕްރޮގްރާމެއްގައި ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ ގޮތަށް، އަދި ޝަރުއީ ދާއިރާގެ ކަރާމަތަށް ގެއްލުން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާ ކަމަށް ފާހަގަކުރެވޭތީ ކަމަށެވެ.

އެ ސްޓޭޝަންގެ އެ އަމަލަކީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމާ ބެހޭ ގަވާއިދާ ޚިލާފް އަމަލެއް ކަމަށްވާތީ އެ މައްސަލަ ބަލައި ނިމެންދެން އެއްވެސް ކޯޓެއްގެ އަޑުއެހުންތަކާއި ޝަރުއީ ދާއިރާއިން އިންތިޒާމްކުރާ ހަރަކާތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް ނުދޭން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.

މީގެކުރިން ވެސް ބައެއް މީޑިއާތަކަށް ކޯޓުތަކުގެ އަޑުއެހުންތަކަށް ނުވަދެވޭ ގޮތަށް ބައެއް ކޯޓުތަކުން ހަމަޖެއްސި އެވެ. އެކަމަކު ފަހުން ވަނީ އެ މީޑިއާތަކަށް އެ ފުރުސަތު ދީފަ އެވެ.