މަރުތަކުގެ ހަގީގަތް ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ސީޕީ ހަމްދޫން

ޑރ. އަފްރާޝީމް އަލީ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލަ ރިވިއުކުރަން ފުލުހުން ނިންމާފައި ވާއިރު އެފަދަ ސީރިއަސް މައްސަލަތަކުގެ ހަގީގަތް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


މަރުގެ ބޮޑެތި މައްސަލަތަކުގެ އަޑީގައި ތިބޭ މީހުންނާއި އެކަން ކުރާ މަގުސަދު ފުލުހުންނަށް ހޯދިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެ އެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ހަމްދޫން "މިހާރު" އަށް ވިދާޅުވީ އެ މައްސަލަތަކުގެ ހަގީގަތް ހޯދައި އެކަން ކުރީ ކޮން ބައެއް، އަދި ކޮން މަގުސަދެއްގައި ކަން ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ފުލުހުންގެ ގާބިލްކަން އެބަހުރި. މިހާރުވެސް ފުލުހުން ވަނީ ގިނަ މަސައްކަތްތަކެއްކޮށް ކާމިޔާބީތަކެއް ހޯދާފައި،" މިދިޔަ މަހު ކޮމިޝަނާއަކަށް އައްޔަންކުރެއްވި ހަމްދޫން ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނާއި އެ އާއިލާތަކަށް ޔަގީންކަން ދެން އެ މައްސަލަތަކުގެ ހަގީގަތް ހޯދައި އިންސާފު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ދިވެހި ފުލުހުން ކުރާނެކަން."

ތަހުގީގުތައް އަލުން ރިވިއުކުރާނެ ގޮތާގުޅޭގޮތުން ސުވާލު ކުރުމުން ހަމްދޫން ވިދާޅުވީ ތަހުގީގަށް ހުރަސް އެޅިދާނެތީ މިވަގުތު އެ ތަފްސީލްތައް ހާމަކުރެވެން ނެތް ކަމަށެވެ.

އެ މައްސަލަތައް އަލުން ބެލުމަށް ފުލުހުން ނިންމާފައިވާއިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެ މައްސަލަތައް ބަލައި ހަގީގަތްތައް ހާމަކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު އޭނާ ދިރިއުޅުއްވި ގޭ، ހ. ފުންވިލުގެ ސިޑި ކައިރީގަ އެވެ. ތޫނު އެއްޗަކުން ހަށިކޮޅަށް ހަމަލާދީ ވަރަށް ބޮޑަށް އޮތީ ޒަހަމްކޮށްލައިފަ އެވެ. އެ މަރާ ގުޅިގެން ހ. ލޮބީ، ހުސައިން ހުމާމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރަން ވަނީ ހުކުމް ކޮށްފަ އެވެ. އެކަމަކު މަރުގެ ހާދިސާގެ އަޑީގައި ތިބި މީހުން މިހާތަނަށް ވެސް ނުހޯދޭތީ އަފްރާޝީމްގެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ހާދިސާ ހިނގިއިރު ކޮމިޝަނާއަކަށް ހުންނެވި، މިހާރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ އަފްރާޝީމްގެ މަރާ ބެހޭ މައުލޫމާތުތަކެއް އެނގޭ ކަމަށާއި، އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން އެ މައުލޫމާތުތައް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން އޮގަސްޓް، 2014 ގައި ގެއްލުނު ފަހުން އޭނާއަށް ވީގޮތެެއް މިއަދާ ހަމައަށް ވެސް ނުހޯދެ އެވެ. އޭނާ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިޔަސް، އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް އަންނަނީ ހިނގަމުންނެވެ.