ވިސާމަށް ކުށް ސާބިތުނުވި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ފަށަނީ

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ދައުލަތުން ކުރި، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިމަހު ފަށަން ހައި ކޯޓުން ނިންމައިފި އެވެ.


ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާ ވިސާމަށް ކުރީ މާޗް، 2015 ގައި މާލޭގައި މުޒާހަރާ ކުރަމުންދާތީ ބައެއް ސަރަހައްދުތައް ބަންދު ކޮށްފައި ވަނިކޮށް އެ އިން ސަރަހައްދަކުން މީހަކު ހައްޔަރު ކުރަން ފުލުހުން އުޅުމުން އެ މީހާ ހައްޔަރު ކުރީ ކީއްވެގެންތޯ ބެލުމަށް އޭނާ އެ ސަރަހައްދަށް ވަދެފައިވާ ކަމަށް ބުނެ އެވެ.

އެކަމަކު މިދިޔަ އަހަރުގެ މާޗް މަހު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ދައުވާ ވިސާމްގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ޝަރީއަތް މި މަހު 27 ގައިި ބާއްވަން ހައި ކޯޓުން މިހާރު ވަނީ ނިންމައިފަ އެވެ.

ފުލުހުންގެ ދައުރަށް ހުރަސް އެޅި ކަމަށް ބުނެ ވިސާމްގެ މައްޗަށް ކުރި އެހެން ދައުވާއެއް ސާބިތުވެ، އޭނާގެ މައްޗަށް 28،000ރ. ގެ ޖޫރިމަނާއެއް ކުރި އެވެ. އެ މައްސަލަ ވިސާމްގެ ފަރާތުން އޮތީ އިސްތިއުނާފް ކޮށްފަ އެވެ.