މަރުތަކަށް އިންސާފު ނުލިބެނީ ނުފޫޒު ވަންނާތީ: އާދަމް ޝަރީފް

މަރުތަކަށް އިންސާނު ނުލިބެނީ އަދި އިންސާފު ލިބުން ލަސްވަނީ ކޮރަޕްޝަނާއި ނުފޫޒު ވަންނާތީ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.


އާދަމް ޝަރީފް، އޭނާގެ ފޭސްބުކްގައި ވިދާޅުވީ ކޮރަޕްޝަނަކީ ހަމައެކަނި ފައިސާގެ ހިޔާނާތް ނޫން ކަމަށެވެ. ބަޣާވާތް ކުރުމާއި މަގާމާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ވެސް ކޮރަޕްޝަނެއް ކަމަށާއި ކޮރަޕްޝަންގެ އެ ވާހަކަތައް ދައްކާތީ ބައެއް މީހުން ކަންބޮޑުވަނީ ކީއްވެތޯ އޭނާ ވަަނީ ސުވާލު އުފައްދަވައިފަ އެވެ.

މީގެ ހަ އަހަރު ކުރިން މަރާލާފައިވާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާ ގުޅޭ މައުލޫމާތު އެނގޭ މީހުން އެ ވާހަކަތައް ނުދައްކާ ތިބެނީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭތީތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ޑިފެންސް މިނިސްޓަރު އެހެން ވިދާޅުވި އިރު، އަފްރާޝީމް އަވަހާރަކޮށްލި އިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ރަނގަޅު ވަގުތު ޖެހުމުން އެ މަރާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެފަދަ ވާހަކަތައް ހާމަ ކުރާނަމަ، އެގޮތަށް މަރާލާފައިވާ ރ. މީދޫ އަނަސް ފަދަ އެތައް ބައެއްގެ އިންސާފު ހޯދަން ފަސޭހަވާނެ. މީހުންގެ މަރުގެ އިންސާފު ނުލިބެނީ ވެސް އަދި އިންސާފު ލިބުން ލަސްވަނީ ވެސް ކޮރަޕްޝަން އާއި ނުފޫޒު ވަންނާތީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

މަރުތަކަށް އިންސާފު ނުލިބެނީ ނުފޫޒު ވަންނާތީ ކަމަށް މި ސަރުކާރުގެ މިނިސްޓަރަކު ވިދާޅުވިއިރު، ފުލުހުން ވަނީ އަފްރާޝިމާއި ޔާމީން ރަޝީދު އަދި ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދުގެ މައްސަލަ ރިވިއުކުރަން ނިންމައިފަ އެވެ.