ކުޑަކުއްޖައާ ބެހެން އުޅުނު މައްސަލާގައި ފުލުހުން މައުލޫމާތެއް ނުދޭ

ހުޅުމާލޭގައި ފިރިހެން ގްރޫޕަކުން ގަދަކަމުން ކުޑަ އަންހެން ކުއްޖަކާ ބެހެން އުޅުނު މައްސަލައާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދިނެވެ.


ފުލުހުން އިއްޔެ ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި 13 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބެހެން އުޅުނު މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަން ނުވަ ނޫންކަން ވެސް ފުލުހުން ނުބުނެ އެވެ.

"މައްސަލަ ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް މިވަގުތު ހާމަކުރެވޭކަށް ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލަކު، މިއަދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ އެ އަމަލުގައި އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. އެ ކުއްޖާއާ ބެހެން އުޅުނީ ހުޅުމާލޭގެ ނެއިބާހުޑް އެކެއްގެ ގަތަރު މިސްކިތާ ޖެހިގެން މިހާރު ހަދަމުން އަންނަ ޕާކް ތެރޭގައި ކަމަށްވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރާއްޖޭގައި އިތުރެވެ. ޖެންޑާ މިނިސްޓްރީގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން 418 މައްސަލައެއް ހުށަހަޅާފައިވެ އެވެ.