ވޯޓު ކަރުދާސް ނައްތައިލި މައްސަލަ ފުލުހުން ތަހުގީގެއް ނުކުރޭ

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ނައްތައިލި މައްސަލަ ފުލުހުން ތަހުގީގު ނުކުރާކަން "މިހާރު" އަށް އެނގިއްޖެ އެވެ.


ވޯޓް ކަރުދާސްތައް މެޝިނުން ކޮށައި ކުދި ކޮށްލާފައިވާއިރު، އެ ކަރުދާސްްތައް އަންދައިލުމަށް ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓާ ހަވާލު ކުރާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވި އެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ އެހެން ވިދާޅުވިތާ މާ ގިނައިރުތަކެއް ނުވަނީސް އޭނާ ވަނީ އިއްޔެ ފުލުސް އޮފީހަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ ޝަރީފް ހާޒިރުކުރީ ވޯޓު ކަރުދާސް ނައްތާލުމުން އެކަން ސާފު ކުރުމަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ވޯޓު ކަރުދާސްތައް ނައްތައިލާފައިވިޔަސް، އެކަން މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާކަށް ފުލުހުން އަދި ނުނިންމަ އެވެ. އަދި ވޯޓު ކަރުދާސްތައް ނައްތައިލީ އެ ކަމަށް އޮންނަ މުއްދަތު ހަމަވުމުން ކަމަށް ވިޔަސް، އެ ކަރުދާސްތައް ނައްތައިނުލުމަށް ފުލުހުން އަންގާފައެއް ނުވެ އެވެ.

އިންތިޚާބު އޮޅުވައިލި ކަމަށް ބުނެ، ވެރިކަންކުރާ ޕީޕީއެމުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައި ވިޔަސް، އެކަން ބަލާކަން ނުވަތަ ނޫންކަން ވެސް ފުލުހުން މިހާތަނަށް ނުބުނެ އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އެ ކޮމިޝަނުން އަބަދުވެސް އަމަލު ކުރަމުން އަންނަ ގޮތަކީ އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމަށާއި އިންތިޚާބާ ބެހޭ ގޮތުން ކޯޓަށް މައްސަލަ ހުށަހަޅައި ނިންމުމަށް ގާނޫނުގައި ދީފައިވާ މުއްދަތުތައް ހަމަވުމުން ވޯޓް ކަރުދާސްތައް ނައްތައިލުން ކަމަށެވެ.

އިއްޔެ ވޯޓް ކަރުދާސްތައް ނައްތައިލީ އެ މުއްދަތު ހަމަވިތާ ހަތް ދުވަސް ފަހުން ކަމަށް އަކްރަމް ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ވެސް އެފަދަ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އެކޮމިޝަނަށް ފުލުހުން އަންގާފައިނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އިންތިޚާބު ބާތިލް ކުރަން، ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އީސީގެ ގާނޫނީ ވަކީލުކަން ކުރެއްވި ގާނޫނީ ވަކީލު ހުސައިން ޝަމީމް، ރޭ ވިދާޅުވީ، ފުލުހުން ޝަރީފާ ސުވާލު ކުރީ ވޯޓު ކަރުދާސް ބެހެއްޓުމަށް އެ ކޮމިޝަންގައި ހުންނަ ކޮޓަރި އަށް ވަދެވަޑަައިގަތް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި އެ ކޮޓަރިއަކީ ޝަރީފް ވަދެވަޑައިގަތުން މަނާ ތަނަކަށް ނުވާއިރު، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތު ނުކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، ޝަރީފް ފުލުސް އޮފީހަށް ހާޒިރު ކޮށްފައި ވަނީ ޗިޓު ދިނުމަކާ ނުލައި ކަމަށް ވާއިރު، ސުވާލުކޮށް ބަޔާން ނެގީ ވެސް ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އެހެންވެ، ޝަރީފް ކުށެއް ކުރައްވާފައި ވިޔަސް ވެސް، ފުލުހުން އެ ކުރި ތަހުގީގުން އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުން ބޮޑު ތަފާތަކުން ނާކާމިޔާބުވުމާ އެކު، ރައީސް ޔާމީން ވަނީ ވޯޓު ކަރުދާހުގައި މައްސަލަތަކެއް އުޅޭ ކަމަށް ތުހުމަތު ކުރައްވައި އެ އިންތިޚާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް، އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އިންތިޚާބުގެ ތެރޭގައި އެފަދަ ކަމެއް ހިނގާފައިވާކަން ސާބިތުނުވާ ކަމަށެވެ.