އިބޫގެ ކެބިނެޓް، 22 މިނިސްްޓްރީ ހިމަނަައިގެން އެކުލަވައިލަނީ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެބިނެޓް، 22 މިނިސްޓްރީ ހިމެނޭ ގޮތަށް އެކުލަވައިލަން، ގުޅިފައިވާ ޕާޓީތަކާ އެކު މި ހަފުތާގައި މަޝްވަރާކޮށްފި އެވެ.


އިބޫގެ ތަރުޖަމާން، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވީ "ސަރުކާރު އެކުލަވައިލުމުގެ މަޝްވަރާތައް ކުރި އަށް އެބަދާ" ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.

އިބޫގެ ކެބިނެޓަށް މިނިސްޓަރުން އައްޔަންކޮށް ނިމިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ފެތުރުނަސް އިތުބާރު ހުރި ފަރާތަކުން "މިހާރު" އަށް ވިދާޅުވީ އާއްމުވެގެން އުޅެނީ ކަށަވަރު ނަންތަކެއް ނޫން ކަމަށެވެ. ސަރުކާރު އެކުލަވާލަން، ޚިޔާލު ހޯދަން ބޭއްވި ބައްދަލުވުމަށް ފަހު، ޕާޓީތަކުން ކެބިނެޓުގައި ހިމަނަން ބޭނުންވާ ބޭފުޅުންތަކެއްގެ ނަން ފޮނުވަން ޕާޓީތަކަށް އިބޫ ވަނީ އިޚްތިޔާރު ދެއްވައިފަ އެވެ.

އެ މަނިކުފާނުގެ ކެބިނެޓް އެކުލަވާލައްވާނީ، ޕާޓީތަކުން ފޮނުވާ ނަންތަކުގެ ތެރެއިންނެވެ. ކޯލިޝަންގައި ހިމެނެނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީ އެވެ.

އިބޫ، ކޯލިޝަން ލީޑަރުންނާ އެކު: މި ސަރުކާރުގައި 22 މިނިސްޓްރީ އުފައްދަން މަޝްވަރާކޮށްފައިވާއިރު މިއީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެ އިތުރު އަދަދެއް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކެބިނެޓް އެކުލަވައިލަން ނިންމާފައި ވަނީ، ރިޔާސީ އިންތިޚާބުގެ ކުރިން އިދިކޮޅު ހަތަރު ލީޑަރުންނާއި އިބޫއާ އެކު އެއްބަސްވެފައިވާ ގޮތަށް، ސަރުކާރުގައި ޕާޓީތައް ހިއްސާވާ ގޮތުގެ ނިސްބަތުންނެވެ. އެއީ، އެމްޑީޕީ އަށް 40 ޕަސެންޓާއި ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓާއި އަދާލަތު ޕާޓީ އަށް 15 ޕަސެންޓެވެ.

އާ ސަރުކާރުގައި 22 މިނިސްޓްރީއެއް އުފައްދަން ވާހަކަ ދައްކާފައިވާ އިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުފެއްދީ 15 މިނިސްޓްރީ އެވެ. އެކަމަކު ފަހުން ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމާއެކު ވަޒީރުންގެ އަދަދަކީ 14 އެވެ.

މި އަދަދަށް ވުރެ، އިބޫގެ ސަރުކާރުގެ މިނިސްޓްރީތައް އިތުރުވެ، ސިޔާސީ މަގާމްތައް ގިނަވެ، ޚަރަދު ބޮޑުވެދާނެ ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. މިނިސްޓްރީތަކުގެ އަދަދު އިތުރު ކުރުމުގައި، ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންގެ ވެސް ޚިޔާލު ތަފާތެވެ.

ކެބިނެޓް އިއުލާންކުރައްވާ ގޮތަށް، އޮތީ މި މަހު 17 ގައި އިބޫ ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު އެވެ.