ރ. ފައިނު އެއާޕޯޓު މަޝްރޫއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ރ. ފައިނުގައި އެއާޕޯޓު އެޅުމަށް ހެދި އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)އާ ބެހޭ ގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު އެ ފުރުސަތު ހުޅުވާލައިފި އެވެ.


މި މައްސަލައާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލީ ފައިނުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފި ނަމަ ތިމާވެއްޓަށް ތަފާތު ގެއްލުންތައް ވާނެކަމަށް އެ އީއައިއޭގައި ބުނެފައިވުމުން، އެ ކަމާ މެދު އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. މި ކަމާ މެދު ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އެ އީއައިއޭގައިވާ ގޮތުން ފައިނުގައި އެއާޕޯޓެއް އެޅުމަށް އެ ރަށުން 38 ޕަސެންޓުގެ ގަސް ނަގަން ޖެހެ އެވެ. މިހެން ކަންތައް ކޮށްފި ނަމަ އެ ރަށުގެ ފެން ފަށަލަ އާއި ފިނިހޫނުމިނަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި މި ނޫން ވެސް ތިމާވެއްޓަށް ގެއްލުން ވާނެ ތަފާތު އެހެން ކަންތައް މި ރިޕޯޓްގައި ތަފްސީލްކޮށްފައިވެ އެވެ.

މި ދުވަސްވަރަކީ ހިއްކައިގެން ހަދާ ރިސޯޓުތައް ފެހި ކުރުމަށާއި، އަދި ބޭރު ގައުމުތަކަށް ގެންދަން، ރާއްޖޭގެ އެކި ރަށްރަށުން ގަވާއިދާ ހިލާފަށް ރުއްގަސް ނަގާކަން ފަޅާ އެރުމުން، އީޕީއޭ އަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދުވަސްވަރެކެވެ.