އިބޫ ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިގަންވާނެ

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސް ކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވާނެ ކަމަށް އިންޑިއާ އިން މިއަދު ބުނެފި އެވެ.


އިބޫ ރައީސްކަމުގެ ހުވާކުރައްވާނީ މި މަހުގެ 17 ވަނަ ދުވަހު، ގަލޮޅު ބޯޅަދަނޑުގައި ބާއްވާ ޖަލްސާއެއްގަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އިބޫ ދެއްވި ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށާއި އެކަމަކު ރާއްޖެއަށް ކުރައްވަނީ ކުރު ދަތުރުފުޅެއް ކަމަށެވެ. އެގޮތުން، ހުވާކުރައްވާ ދުވަހު ރާއްޖެ ވަޑައިގަތުމަށް ފަހު ހަމަ އެ ދުވަހު އެނބުރި ވަޑައިގަންނަވާނެ އެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޕްރެސް ބްރީފިންގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރް ވިދާޅުވީ އިބޫ ދެއްވި ދައުވަތު މޯދީ އުފަލާ އެކު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށާއި އިންޑިއާ އިން ގެންގުޅޭ "ނެއިބާސް ފަސްޓް" ޕޮލިސީގެ ދަށުން ރާއްޖޭގެ އާ ސަރުކާރާ އެކު ގުޅުން ބަދަހިވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، މި ސަރަހައްދުން މޯދީ ވަޑައިގަނުގަންނަވާ ހަމަ އެކަނި ގައުމަކީ ދިވެހިރާއްޖެ އެވެ. އެހެންވެ މި ދަތުރުފުޅު ވެގެން ދާނީ މޯދީ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.