ރާއްޖޭގެ ޓޫރިޒަމް އޮކިއުޕަންސީ 61 ޕަސަންޓްގައި

މިދިޔަ ސެޕްޓެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ ޓޫރިޒަމް އޮކިއުޕެންސީ ހުރީ 61 ޕަސަންޓްގައި ކަމަށާއި އެންމެ ގިނައިން ޓޫރިސްޓިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.


އެ މިނިސްޓްރީން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު ރާއްޖެ އަށް ޒިޔާރާތްކޮށްފައި ވަނީ ޖުމްލަ 107،620 ޓޫރިސްޓުންނެވެ. އަދި ސެޕްޓެމްބަރުގެ ނިޔަލަށް، މުޅި އަހަރުގެ ތެރޭގައި، ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ ޖުމްލަ 1،080،459 ޓޫރިސްޓުންނެވެ.

އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 8.3 ޕަސަންޓްގެ ކުރިއެރުމެކެވެ.

އެކަމަކު އޮގަސްޓް މަހަށް ވުރެ ސެޕްޓެމްބަރުގެ އޮކިއުޕެންސީ ކުޑަ ތަންކޮޅެއް ދަށެވެ. އޮގަސްޓް މަސް ނިމުނު އިރު ރާއްޖޭގެ ޓޫރިޒަމް އޮކިއުޕެންސީ ހުރީ 63 ޕަސަންޓްގަ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ސަރަހައްދުތަކަށް ބަލާ އިރު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޔޫރަޕްގެ ގައުމުތަކުން 516،487 ޓޫރިސްޓުން ރާއްޖެ އަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 47.8 ޕަސަންޓްގެގެ ކުރިއެރުމަކާ އެކުގަ އެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އަންނަނީ އިނގިރޭސިވިލާތް، ޖަރުމަން، އިޓަލީ، ރަޝިއާ އަދި ފްރާންސެވެ.

އޭޝިއާ ޕެސިފިކް ގައުމުތަކަށް ބަލާ އިރު ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކުރީ 462،828 ޓޫރިސްޓުންނެވެ.

ސެޕްޓެމްބަރުގެ ނިޔަލަށް އެމެރިކާ އިން ރާއްޖެ އަށް 49،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، މެދުއިރުމަތިން 41،186 ޓޫރިސްޓުން އަ އެވެ. އަދި އެފްރިކާ އިން 10،820 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ސެޕްޓެމްބަރު މަހާ ހަމައަށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައި ވަނީ 6،914،428 ދުވަހެވެ. އެއީ ޓޫރިސްޓަކަށް އެވްރެޖްކޮށް 6.4 ދުވަހެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 11.8 ޕަސެންޓްގެ އިތުރުވުމެކެވެ.