7،000 ފްލެޓުގެ ލިޔުން ހަވާލުކުރަން ފަށައިފި

ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުން އެއީ ފްލެޓް ލިބުނު ކަމުގެ ރަސްމީ ލިޔުން ކަމަށް ހައުސިން މިނިސްޓްރީން ބުނުމަށް ފަހު، އެ މަޝްރޫއުން 7،000 ފްލެޓް ލިބުނު މީހުންނަށް މިއަދު ލިޔުން ހަވާލު ކުރަން ފަށައިފި އެވެ.


އެ މަޝްރޫއުން ފްލެޓަށް އެދި ގާތްގަނޑަކަށް 22،000 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ފްލެޓަށް ހޮވި، ގެޒެޓްކޮށްފައިވާ ދާއިމީ ލިސްޓުގައިވާ މީހުންނަށް ދޫކުރާ ލިއުމުގައިވާ ގޮތުން އެއީ، ޝަރުތު ހަމަވެ ފްލެޓް ކަށަވަރުވި ކަމުގެ ލިއުމެކެވެ. އޭގައި ބުނެފައިވާ ގޮތުގައި، ފްލެޓްގެ އެއްބަސްވުމާއި ފައިސާ ދެއްކުން ކުރިއަށް ގެންދާނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

ފްލެޓްތައް އެކި ކެޓަގަރީ އަށް ބަހާލާފައިވާއިރު މިއަދު ލިއުން ހަވާލުކުރީ އެނގިފައިވާ ގޮތުގައި ނަރުހުންނަށެވެ.

ފްލެޓް ލިބުނު ކަމުގެ ލިއުން މި ހަވާލުކުރަނީ، 7،000 ފްލެޓް ދޫކުރީ އިންސާފުން ނޫން ކަމަށް ބުނެ ކުރަމުންދާ ޝަކުވާތަކާ ގުޅިގެން، އެ މައްސަލަތައް އަލުން ބަލާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އޮފީހުން ބުނެފައި ވަނިކޮށެވެ.

މި ވާހަކަ އަށް ރައްދު ދެއްވައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ހިޔާ މަޝްރޫއުން ފްލެޓް ދޫކުރީ، އިންސާފުންނެވެ. ނުހައްގުން އެއްވެސް މީހަކަށް ފްލެޓް ދޫކޮށްފައި ނުވާނެ ކަމަށާއި އާ ސަރުކާރުން އެ ފްލެޓްތައް އަތުލައިފި ނަމަ އެއީ އަނިޔާވެރިކަން ކަމަށް ވިދާޅުވި އެވެ.

އެގޮތަށް އަތުލައިފި ނަމަ، ރަސްމީ ލިއުންތައް ހިފައިގެން ކޯޓަށް ދެވޭނެ ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ރަސްމީ ލިއުން ދޫކުރާނެތޯ، އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ގެޒެޓްގައި ޝާއިއުކުރި ލިސްޓަކީ ރަސްމީ ލިޔުމެއް ކަމަށެވެ. "މިއަށްވުރެ ބޮޑަށް ރަސްމީ ވާނެ އެހެން ގޮތެއް ނޯންނާނެ" ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ހިޔާ މަޝްރޫއުގެ ވަގުތީ ލިސްޓު އިއުލާންކުރުމާ އެކު ގިނަ ބަޔަކު ހިތްހަމަނުޖެހުންފާޅުކުރި އެވެ. ޕޮއިންޓް ދީފައި ވަނީ އާއްމުކުރި އުސޫލާ އެއްގޮތަށް ކަމަށް ބުނެ މިނިސްޓްރީ އަށް ޝަކުވާ ވެސް ހުށަހެޅި އެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދާއިމީ ލިސްޓު އިއުލާންކުރީ އެ ހުރިހާ ޝަކުވާތައް ވަކިވަކިން ބެލުމަށް ފަހު ލިސްޓަށް ގެންނަން ޖެހޭ އިސްލާހުތަކާ އެކުގަ އެވެ. އެހެންކަމުން، މިހާރު އިއުލާންކޮށްފައިވާ ލިސްޓުގައި މައްސަލައެއް ދިމާ ނުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.