ފޯނު ނުދިން ކަމަށް ބުނެ ކުރި ދައުވާ އާއި އިޖުރާއާތުތައް ވެސް ގޯސް: އަލީ ހަމީދު

ފޯނު ނުދިން މައްސަލާގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރި ދައުވާ އޮތީ ހުރިހާ ގޮތަކުން ވެސް ގޯސްކޮށް ކަމަށް އޭނާ މިއަދު ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ.


ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އަލީ ހަމީދު ހައްޔަރުކޮށް އޭނާގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ މައްސަލާގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫންގެ މައްޗަށް ވެސް ޖަލު ހުކުމެއް އިއްވި އެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް އަލީ ހަމީދުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަލީ ހަމީދު ވިދާޅުވީ އޭނާ ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގަކުން ނެރުއްވި އަމުރަކާ ގުޅިގެން ކަމަށާއި އޭނާ ސުޕްރީމް ކޯޓު ތެރޭގައި ހުންނަވަނިކޮށް އެތަނުގެ ދޮރު ވައްޓާލުމަށް ފަހު، މޫނު ނިވާކޮށްގެން ތިބި ބަޔަކު އައިސް ފޯނު ދޭން އެންގި ކަމަށެވެ. އޭނާއަކީ އޭރު ހުރުމަތްތެރި މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށާއި އޭނާ އެވަގުތު ހުންނެވީ ވެސް ހުރުމަތްތެރި ތަނެއްގައި ކަމަށް ވުމުން، އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ވެސް އަލީ ހަމީދު ވިދާޅުވި އެވެ.

ދައުވާއާ ގުޅިގެން އަލީ ހަމީދު ވިދާޅުވީ އެ ދައުވާ ދައުލަތުން އުފުލިއިރު އޭނާ ފޯނެއް ގެންގުޅުއްވާ ކަން ވެސް ދައުލަތަށް ސާބިތުކޮށް ދެވިފައި ނެތް ކަމަށެވެ. އަދި އޭނާގެ ފޯނުގައި ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހެއްކެއް ހުރިކަން ވެސް ދައުލަތަށް ބުނެދެވިފައި ނެތް ކަމަށް ވިދާޅުވި އެވެ.

އަލީ ހަމީދު ފާހަގަކުރެއްވި ގޮތުގައި އޭރު އޭނާގެ މައްޗަށް ތުހުމަތުކުރި ރިޝްވަތުގެ މައްސަލާގައި ކުރި ދައުވާ ދާދި ފަހުން ކްރިމިނަލް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ، އެ ދައުވާ އުފުލުމާއި ހައްޔަރުކުރުމުގައި އަމަލުކުރި ގޮތް އޮތީ މައުޟޫއީ ގޮތުން އަދި އިޖްރާއީ ގޮތުން ވެސް ގޯސްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހަމީދުގެ ވަކީލް ސަފާ ޝަރީފް ވިދާޅުވީ އެ މައްސަލާގައި އަލީ ހަމީދު ހައްޔަރުކޮށް، ތަހުގީގު ހިންގާފައިވަނީ ގާނޫނާ ޚިލާފް ބަންދެއްގައި ބަހައްޓައިގެން ކަމަށެވެ. އަދި އެ މައްސަލާގައި ދަށު ކޯޓުން ސިއްރު ހެކިބަސް ނަގާފައި ވަނީ ވެސް ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަފާ ވިދާޅުވި ގޮތުގައި އެ މައްސަލަ ދަށު ކޯޓުގައި ހިނގިއިރު ދިފާއުވާން އެކަށީގެންވާ ފުރުސަތު އަލީ ހަމީދަށް ދީފައެއް ނުވެ އެވެ. އަދި އަލީ ހަމީދުގެ ވަކީލުން އޭރު އެ މައްސަލަ ދޫކޮށްލުމުން އަލުން ވަކީލުން ހަމަޖައްސަން އެކަށީގެންވާ ފުރުސަތު ވެސް ނުދޭ ކަމަށް ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގައި ބުނާ ކުށުގެ އުންސުރުތައް އެ މައްސަލާގައި ފުރިހަމަނުވާކަން ފާހަގަކުރަައްވައި، ސަފާ ވިދާޅުވި ގޮތުގައި އަލީ ހަމީދުގެ ފޯނުގައި އެ މައްސަލައާ ގުޅޭ އެއްވެސް ހެއްކެއް ހުރިކަން ދައުލަތަށް ބުނެދެވިފައެއް ނެތެވެ. ފޯނެއް ނުދިނުމަކީ އޭގެ ޒާތުގައި ކުށަކަށް ނުވާނެ ކަމަށް ހައި ކޯޓުން ކުރިން ހުކުމް ކޮށްފައިވާ ކަން ފާހަގަކުރައްވައި، ސަފާ ވިދާޅުވީ ފޯނުގައި ހެކި ހުރި ކަމަށް ބެލެވޭ ކަމަށް ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް އެކަމާ ގުޅޭ ގޮތުން ދައުލަތަށް ދެއްކިފައި ނެތް ކަމަށެވެ.

މީގެ އިތުރަށް ސަފާ ވިދާޅުވި ގޮތުގައި އެ މައްސަލާގައި އަދަބު ކަނޑައަޅާފައިވަނީ ވެސް ގާނޫނުލް އުގޫބާތުގެ އުސޫލުތަކާ ޚިލާފަށެވެ. އަދި ދަށު ކޯޓުގެ ހުކުމުގައި، އަލީ ހަމީދުގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަތައް ވެސް ބާތިލް ކަމަށް ކަނޑައަޅާފައި ވާއިރު، ވަކީލުންގެ ކަންކަން ބެލެހެއްޓުމަކީ ހަމައެކަނި ސުޕްރީމް ކޯޓުގައި އޮންނަ ކޮމެޓީއަކަށް އެކަނި ކުރެވޭ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. އެއިން ކަމަކަށް ބެލުމެއް ނެތި، އަލީ ހަމީދުގެ ވަކީލު ކަމުގެ ހުއްދަ ބާތިލްކުރި ކުރުމަކީ ސުޕްރީމް ކޯޓުގެ ބާރުތަކަށް އަރައިގަތުން ކަމަށް ބެލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުގެ ވަކީލާ އައިޝަތު ރީޝާ ވިދާޅުވީ އަލީ ހަމީދުގެ ފޯނުގައި ހެކި ހުރި ކަމަށް ބެލެވޭ ސަބަބުތައް ހެކިންގެ ބަހުން އެނގެން އެބަ އޮތް ކަމަށެވެ. އަދި އޭރު އަލީ ހަމީދަށް ތުހުމަތު ކުރެވުނު ރިޝްވަތުގެ ދައުވާ ކޯޓުން ފަހުން ބާތިލްކޮށްފައި އޮތް އޮތުމަކީ އޭރު އަލީ ހަމީދު ފޯނު ނުދިން މައްސަލައަށް އަސަރު ކުރާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރީޝާ ވިދާޅުވީ ދަށު ކޯޓުގައި އަލީ ހަމީދުގެ ވަކީލުން މައްސަލަ ދޫކޮށްލުމަކީ ވަކީލުންގެ ފުރުސަތު ދަށު ކޯޓުން ނުދޭ ކަމަށް ބުނެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި އާ ވަކީލުން ހަމަޖައްސަން ދަށު ކޯޓުގައި އަލީ ހަމީދުގެ ފަރާތުން "ތަކުރާރުކޮށް އެދިފައި ނެތް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދަށު ކޯޓުގެ ހުކުމާ ބެހޭ ގޮތުން އަލީ ހަމީދުގެ ފަރާތުން ފާހަގަކުރި އެހެން ނުކުތާތަކުގައި ވެސް ދައުލަތުން ވާހަކަ ދެއްކީ ދަށު ކޯޓުގެ ހުކުމުގެ ދިފާއުގަ އެވެ.

ރީޝާ ވިދާޅުވި ގޮތުގައި ދައުލަތުން ދެކެނީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ނިންމުމުގައި، ދަށު ކޯޓުން އަމަލުކުރި އިޖްރާއާތު ގޯސް ކަމަށް ފެނިއްޖެ ނަމަ، އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވަން އޭނާ އެދިވަޑައިގަތެވެ.

ދައުލަތުން އެގޮތަށް އެދުމުން، އަލީ ހަމީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ އެ މައްސަލާގައި އަލީ ހަމީދާ އެއްކޮށް ހުކުމްކުރި ބޭފުޅުންގެ ތެރެއިން މައުމޫންގެ މައްސަލާގައި އެމަނިކުފާނުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށްފައިވާއިރު، އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވާފައި ނެތް ކަމަށެވެ.

އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުމެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހަސަން އަލީ ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުއައިބެވެ.

އެ މައްސަލާގައި މައުމޫންގެ މައްޗަށް އިއްވި ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކޮށްފައިވާއިރު، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެ މައްސަލާގައި އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް އަދި ނުފަށަ އެވެ.

އަލީ ހަމީދާއި އަބްދުﷲ ސައީދު މިހާރު ވެސް ގެންދަވަނީ އެހެން މައްސަލައެއްގައި ވެސް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގައި ތިއްބެވިއިރު، ދަށު ކޯޓުތަކުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގަ އެވެ.

އެ މައްސަލާގައި އެ ދެ ބޭފުޅުންނަށް އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމާ އެކު، މިދިޔަ ޖޫން މަހު އެ ބޭފުޅުންގެ ފަނޑިޔާރު ކަމުގެ މަގާމު ވެސް ވަނީ ގެއްލިފަ އެވެ.