ކޮރަޕްޝަންގެ ނާޖާއިޒު ފައިދާގެ އުންމީދުގައި ސަރުކާރަށް ނާންނާތި: އަލީ ޒާހިރު

ކޮރަޕްޝަންގެ ނާޖާއިޒު ފައިދާ ހޯދުމުގެ އުއްމީދުގައި އެއްވެސް ބޭފުޅަކު، އާ ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހް (އިބޫ) ގެ ސަރުކާރުގެ މަގާމަކަށް ވަޑައިނުގަތުމަށް ގޮވާލައްވައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިއަދު އިންޒާރު ދެއްވައިފި އެވެ.


މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ބޮޑު ކާމިޔާބީއެއް ހޯދި އިދިކޮޅު ކޯލިޝަންގެ އިސް މެމްބަރު އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ސަރުކާރުގައި ކޮރަޕްޝަަނަށް އޮންނާނީ "ޒީރޯ ޓޮލެރެންސް" ކަމަށެވެ.

"އެކަން އެގޮތަށް ގެންދިއުމަށް އެންމެން އެކުގައި ތެދުވެ އަތުކުރި އޮޅާލުމަށް ގޮވާލަން،" އަންނަ ހޮނިހިރު ދުވަހު، ރައީސްކަމުގެ ހުވާ އިބޫ ކުރައްވަން ނިންމަވައި ސަރުކާރު އެކުލަވައިލުމާ ގުޅޭ މަސައްކަތްތައް ފަށާފައިވާ ދަނޑިވަޅުގައި ކޮރަޕްޝަނާ ދެކޮޅަށް އަލީ ޒާހިރު ކުރެއްވި ޓުވީޓުގައި ވެ އެވެ.

އަލީ ޒާހިރުގެ ޓުވީޓު

އޭނާ "މިހާރު" އަށް ވިދާޅުވީ، އެއީ ވަކި ކަމެއް ހިނގައިގެން ނުވަތަ ވަކި ބޭފުޅަކަށް އަމާޒު ކުރައްވައިގެން ކުރެއްވި ޓްވީޓެއް ނޫން ކަމަށެވެ.

އިބޫގެ ކެމްޕެއިންގައި ކޯލިޝަންގެ އިސްވެރިން އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަ އަކީ ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ އެވެ. އަދި ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އިދިކޮޅު ޕާޓީތަކުން ވަނީ ވައުދުވެފަ އެވެ. ކޮރަޕްޝަނުގެ ތެރެއިން ގެއްލިފައިވާ ފައިސާ ހޯއްދެވުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާނެ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ.