ކޯޓު ރޫމެއްގައި ފޮޓޯ ނެގި މައްސަލަ ޑީޖޭއޭއިން ބަލަނީ

ކޯޓު ރޫމެއްގެ ތެރޭގައި ބަޔަކު ފޮޓޯތަކެއް ނެގި މައްސަލަ ބަލަމުން އަންނަ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.


ކޯޓު ރޫމެއްގެ ތެރޭގައި ބަޔަކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ކޯޓު ރޫމްގައި ފަނޑިޔާރު އިންނަވާ ބެންޗަށް މީހަކު އަރައި، އެތަނުގައި ވެސް ނަގާފައިވާ ފޮޓޯތަކެއް އޭގެ ތެރޭގައި ހިމެނެ އެވެ. އެކަމަކު އެއީ ކޮން ކޯޓެއްގެ ކޯޓު ރޫމެއް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް، އެއީ ދަށު މަރުހަލާގެ ކޯޓެއް ކަން އެ ފޮޓޯތަކަށް ބެލުމުން އެނގެ އެވެ.

ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެއްވެސް ކޯޓެއްގެ ހުއްދަ ނެތި، ފޮޓޯ ނަގައި ވީޑިއޯ ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށާއި އެފަދަ އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާ ކަމަށެވެ. އަދި މިހާރު ދައުރުވަމުންދާ ފޮޓޯތަކަކީ އެފަދަ އަމަލެއް ކަމަށް ވާތީ އެ މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ކޯޓު ރޫމްތަކުގެ ފޮޓޯ ނަގައި، ވީޑިއޯ ނުވަތަ އޯޑިއޯ ރެކޯޑް ކުރުމުގެ ފުރުސަތު ނުދިނުމަށްޓަކައި ބައެއް ކޯޓުތަކުގެ ޝަރީއަތުގެ މަޖިލިސްތަކަށް މީހުން ވައްދަނީ ވެސް ސެކިއުރިޓީ ޗެކްކޮށް، އެފަދަ ވަސީލަތެއް ނެތްކަން ކަށަވަރު ކުރުމަށް ފަހު އެވެ. އެގޮތުން، ފޯނާއި ބައެއް ބާވަތުގެ އަތުކުރި ގަޑި އާއި ކެމެރާ ހުންނަ ގަލަން ފަދަ ތަކެތި ވެސް ކޯޓު ރޫމްތަކަށް ވެއްދުމުގެ ހުއްދަ އާންމު އުސޫލުން ނުދެ އެވެ. އެފަދަ ވަސީލަތްތައް ވެއްދުމުގެ ފުރުސަތު ނޫސްވެރިންނަށް ވެސް ނުދެ އެވެ.