ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ޝަރީފު، ނައިބަކަށް ރިޔާޒް

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި 2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ މުގައްރިރަކަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) އައްޔަންކޮށްފި އެވެ.


ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް އެމްޑީޕީގެ ޝަރީފު ހަމަޖެއްސި އިރު ނައިބު މުގައްރިރަކަށް ހަމަޖެއްސީ ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 29 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހެޅީ މިއަދު ހެނދުނެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކުލަވައިލައްވާ ސަރުކާރުން ބޭނުންވާ ގޮތަށް ތައްޔާރު ކޮށްފައިވާ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، މި އަހަރުގެ ބަޖެޓަކީ މަންފާ ކުރުވަނިވި އެތައް މަޝްރޫއުތަކެއް ނިމި، އޭގެ ފައިދާ ލިބެން ފަށާފައިވާ ބަޖެޓެއް ކަމަށެވެ. އެހެންވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި ސިނާމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލުން މިސާލު ނަންގަވައި އަންނަ އަހަރުގެ ބަޖެޓުން ވެސް ކާމިޔާބީތަކެއް ހާސިލްކޮށް، ދުރު ރާސްތާގެ ލަނޑުދަނޑިތައް ހާސިލް ކުރުމަކީ އަމާޒެއް ކަމުގައި ހެއްދެވުމަށް މުނައްވަރު އެދިވަޑައިގެންނެވި އެވެ. އަދި މެދުކެނޑުމެއް ނެތި ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް މުނައްވަރު އެދިވަޑައިގެންނެވި އެވެ. އަންނަ އަހަރަށް ލަފާކޮށް، 29 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި އިރު، މުނައްވަރު ވިދާޅުވީ އަންނަ އަހަރު 26.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އަންނަ އަހަރު އިގްތިސާދީ ދުވެލި 6.8 ޕަސެންޓްގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި އަންނަ އަހަރު އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. މި އަހަރުގެ ނިޔަލަށް 21 ބިލިއަން ރުފިޔާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް މިނިސްޓަރު ލަފާ ކުރެއްވި އެވެ. އެހެންވެ، ބަޖެޓު ޑެފިސިޓް 4.5 ބިލިއަން ރުފިޔާ އަށް މި އަހަރު އަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން މި އަހަރު ބަޖެޓު ޑެފިސިޓްގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 4.1 ޕަސެެންޓެވެ. ބަޖެޓްގެ ބައެއް ލަފާކުރުންތައް - މަޖިލީހަށް ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް. - ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ. - އިގްތިސާދީ ދުވެލި 6.8 ޕަސެންޓްގައި ހުންނާނެ. - ބަޖެޓު ޑެފިސިޓް 3.7 ބިލިއަން ރުފިޔާ އަރާނެ. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުން ފަށައިގެން ކުރިއަށް ގެންދިޔަ ބިޔަ މަޝްރޫއުތައް ނިންމައި އެތައް ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެވިފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން ގިނަ މަޝްރޫއުތަކެއް ނިންމި އިރު، ބައެއް މަޝްރޫއުތައް މިހާރު އޮތީ ނިމުމުގެ މަރުހަލާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.