ސިވިލް ސާވިސްގެ ތެރޭގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑު: ޓްރާންސިޝަން ކޮމެޓީ

މި ސަރުކާރުގައި ސިވިލް ސާވިސްގެ ތެރެ އަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައި ހުރި ކަން ފާހަގަ ކުރެވޭ ކަމަށް ޓްރާންސިޝަން ކޮމެޓީން މިއަދު ބުނެފި އެވެ.


އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ޓްރާންސިޝަން ކޮމެޓީތަކުގެ ތެރެއިން ސޯޝަލް އެފެއާޒް ކޮމެޓީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމެޓީގެ ޗެއާމަން އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ކޮމެޓީން ޒިޔާރަތްކުރި ހަތަރު މިނިސްޓްރީއެއްގައި ވެސް ސިޔާސީ ނުފޫޒު އޮތް ކަން ވަރަށް ބޮޑަށް ފާހަގަވި ކަމަށެވެ. އެ މިނިސްޓްރީއެއްގެ ޒިންމާތަކަށް ވުރެ ސިޔާސީ ފަރާތްތަކުން އަންގާ ގޮތަކަށް މަސައްކަތް ކުރާ ގޮތަށް ކަންކަން ރޭވިފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިވިލް ސާވަންޓުންގެ މައްޗަށް ކޮންމެ ޑިޕާޓްމެންޓަކަށް ނުވަތަ ކޮންމެ ޑިވިޝަނަކަށް ޕޮލިޓިކަލް އެޕޮއިންޓީއެއް ލާފައި ހުރެގެން ޕާމަނަންޓް ސެކްރެޓަރީ ރިޑަންޑަންޓްވުން މި ކަހަލަ ކަންކަން. އަޅުގަނޑުމެންނަށް ފެނުނީ ރަނގަޅަށް ގޮސްގޮސް އޮތް ކަމެއް ބަދަލުވެގެން ދިޔަ ފަސް އަހަރު. އެކަމަކު ސިވިލް ސާވަންޓުންގެ ހުންނާނެ އަދިވެސް ކުރީގައި އެ ހުރި ތަރުތީބު. އެ ބޭފުޅުންގެ އެ ގާބިލްކަން ހުންނާނެ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުގެ އެކި އިދާރާތަކުގައި ކޮންމެހެން ތިބެން ޖެހޭ ފަންނީ މުވައްޒަފުން ވަރަށް މަދު ކަން ފާހަގަވި ކަމަށާއި މަސައްކަތުގެ އޮނިގަނޑުގައި ހުރި ފަންނީ މަގާމުތަކަށް ވެސް މުވައްޒަފުން ނުނަގާ ހުރި ކަން ފާހަގަވި ކަމަށެވެ. އެކަމަކު ކޮންޓްރެކްޓް އުސޫލުން އާދަޔާ ޚިލާފަށް މުވައްޒަފުން ހޯދާފައި ހުރި ކަން ފާހަގަވި ކަމަށާއި އެފަދަ ކަންކަން އާ ސަރުކާރުން އިސްލާހު ކުރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ބަޖެޓްގެ މައްސަލައެއް ނޫން މިއީކީ. ސިވިލް ސާވިސްގެ އޮނިގަނޑުގައި ހުރި މަގާމުތަކަށް އެކަށީގެންވާ ގާބިލް ބޭފުޅުން ކޮލިފައިޑް ބޭފުޅުން ނެގީމަ ހުރި ގިނަ ގޮންޖެހުންތައް ހައްލުވެގެން ދާނެ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކޮމެޓީ އަށް ފާހަގަ ކުރެވުނު އަނެއް ކަމަކީ މިނިސްޓްރީތަކުގެ މެދުގައި ގުޅުން ކުޑަ ކަމެވެ. ކެބިނެޓް ބައްދަލުވުންތައް ގަވާއިދުން ބާއްވާފައި ނެތުމަކީ އޭގެ އެންމެ ބޮޑު ސަބަބު ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ކެބިނެޓް އެއީ އެއް މިނިސްޓްރީ އަނެއް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުވާލުމުގައި އެއް ބަޔަކު އަނެއް ބަޔަކަށް މައުލޫމާތު ލިބުމުގައި ކޮންމެހެން ލާޒިމް ކަމެއް ކުރުން. އެއީ ވަރަށް ކުރީއްސުރެން ދިވެހި ދައުލަތް ފެށުނީއްސުރެން ކުރަމުން އައި ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އަށް އެ ކޮމެޓީން ކުރި ޒިޔާރަތާ ގުޅޭ ގޮތުން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ އެ މިނިސްޓްރީގައި ޑިޕާޓްމެންޓްތަކުގެ ވެރިންގެ ގޮތުގައި ސިޔާސީ ގޮތުން އައްޔަން ކުރެވޭ ބަޔަކު ތިބޭ ކަމަށާއި އޭގެ ސަބަބުން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ ދައުރު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށެވެ. އެހެންވެ، ސިވިލް ސާވަންޓުގެ މަސައްކަތްތައް ރޭވިފައި އޮތީ އަދި ކަންކަން ހިނގަނީ ސިވިލް ސާވިސްގެ އޮނިގަނޑާ އެއްގޮތަށް ނޫން ކަން ފާހަގަވި ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ މި އަހަރުގެ ބާކީ އޮތް މަދު ދުވަސްކޮޅުގައި ވެސް ތައުލީމީ ދާއިރާ އަށް ކޮންމެހެން ބޭނުންވާ ކަންކަމަށް 300 މިލިއަން ރުފިޔާގެ ބަޖެޓެއް މި ވަގުތު ވެސް ބޭނުންވާ ކަމަށާއި އެއީ އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު މިހާރުން މިހާރަށް ވެސް ހައްލު ކުރަންޖެހޭނެ ކަމެއް ކަމަށެވެ. ބަޖެޓް ނެތް ކަންކަމުގެ ތެރޭގައި އޯލެވެލް އާއި އޭލެވެލް އިމްތިހާންގެ ފީ އާއި ބޭރު ސްކޮލަޝިޕްގައި ކިޔަވަން ތިބި ފަރާތްތަކަށް ދޭ ފައިސާ އާއި އާ އަހަރު ފެށެން ވާ އިރަށް ސްކޫލްތަކުގައި ކުރަންޖެހޭ މަރާމާތަށް ބޭނުންވާ ފައިސާ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޮވެމްބަރު ޑިސެމްބަރު މިއީ ސްކޫލްތަކުގައި މި ކަންކަން ހިންގަން ލިބޭ ވަގުތު. މި ވަގުތު އެ ފައިސާ ނެތިއްޔާ ސްކޫލް ފެށުނީމަ އެ ކަހަލަ މަރާމާތުތައް ކުރުން އެއީ ދަތިކަމެއް. ކުދިންގެ ކިޔެވުމަށް ދަތިވާނެތީ. އެހެންވީމަ އެކަން ކުރުމުގެ ގޮންޖެހުމާ އަލަށް ވަޑައިގަންނަވާ މިނިސްޓަރަކަށް ކުރިމަތިވާނެ،" އިބްރާހިމް ވިދާޅުވި އެވެ.

މީގެ އިތުރުން ދަރިވަރުންނާއި ޓީޗަރުންނަށް ދިނުމަށް ހަމަޖެހިފައިވާ 71،000 ޓެބްލެޓްގެ ތެރެއިން މިހާތަނަށް މިނިސްޓްރީ އަށް ލިބުނީ 21،000 ޓެބްލެޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން އެކި ފަރާތްތަކަށް ބޮޑެތި ފައިސާގެ މައްސަލަތަކާއި މުވައްޒަފުންގެ ވަޒީފާއާ ގުޅޭ މައްސަލަތަކުގައި ގާނޫނީ ބައެއް ކަންކަން ކޯޓުތަކުގައި ހިނގަމުންދާ ކަން ވެސް ފާހަގަވި ކަމަށް އިބްރާ ވިދާޅުވި އެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޝިދާތާ ޝަރީފް ވިދާޅުވީ މި ސަރުކާރުގައި ކުޑަ ބަޖެޓެއް އޮތީ ޖެންޑާ މިނިސްޓްރީ އަށް ކަމަށާއި އެ މިނިސްޓްރީގެ ދަށުން ހިނގާ މަރުކަޒުތަކުގައި ވެސް ވަސީލަތްތައް މަދު ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަށެވެ. އެ މިނިސްޓްރީ އަށް ކުރި ޒިޔާރަތުގައި، އެ ތަނުގެ އިމާރާތާއި ވަސީލަތްތަކަށް ބަލާއިރު ވެސް މުވައްޒަފުން މަސައްކަތް ކުރަނީ އެކަށީގެންވާ މާހައުލެއްގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ ފަރާތްތަކުގެ ނުފޫޒު މުވައްޒަފުންގެ މަސައްކަތުގެ ތެރެއަށް ވަދެފައިވާ ކަން ވަރަށް ބޮޑަށް ފާހަގަވި ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.

"ސިޔާސީ ފަރާތްތަކުން އިރުޝާދު ދޭ ކަންކަން ކުރާ ކަހަލަ ގޮތަކަށް މުޅި ސިވިލް ސާވިސް މެޝިނަރީ ބިނާކޮށްފައި މި އޮތީ. އެ ފްރަސްޓްރޭޝަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަވި އެކި ބޭފުޅުންނާ ވާހަކަ ދެކެވިގެން ދިޔައިރު،" ޝިދާތާ ވިދާޅުވި އެވެ.

މީގެ އިތުރުން ސޯޝަލް ވޯކަރުންނަށް ހަވާލުވެފައިވާ މަސައްކަތުގެ ލޯޑް ބޮޑުވުމާއި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ވަރަށް ބޮޑަށް މުވައްޒަފުން މަދުވުމުގެ އިތުރުން އެ ތަންތަނަށް ސިޔާސީ ނުފޫޒުން މުވައްޒަފުން ވައްދާފައި ތިބިކަން ވެސް ފާހަގަ ކުރެވޭ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ. އެއީ އެ ތަނުގައި ތިބޭ ކުޑަކުދިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހަކީ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ގާބިލްކަން އަދި އެކަހަލަ ބެކް ގްރައުންޑެއް ހުރި މީހުންނަށް އެބަ ވާންޖެހޭ. އެކަހަލަ ކަންކަމަށް ވަރަށް އެބަ ސުވާލު އުފެދޭ ގޮތަށް ތިބި މީހުން ކުޑަކުދިން ބައިތިއްބާ ތަނުގައި ވަޒީފާ ދީފައި ތިބިކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު،" ޝިދާތާ ވިދާޅުވި އެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ތައުލީމީ ދާއިރާގެ މުހިންމު އިދާރާތަކުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑު މައްސަލަ އާއި ޕްރިންސިޕަލުން ނެތް ސްކޫލްތައް ހުރިކަން ވެސް ފާހަގަވި ކަމަށެވެ. އެއީ ކޮންމެހެން ހައްލު ކުރަންޖެހޭ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.