ސަރުކާރުން ކުރިއަށް ގެންދިޔަ "ހިޔާ މަޝްރޫއު" ދަށުން ފްލެޓް ލިބުނު ކަމުގެ ލިޔުން ހޯދުމަށް ހައުސިން މިނިސްޓްރީ އަށް ދިޔަ ބައެއް މީހުން އެތަނުގައި ހަމަނުޖެހުން ހިންގައި ބިއްލޫރި ދޮރެއް ތަޅާލައިފި އެވެ.
ހައުސިން މިނިސްޓްރީގެ ތަރުޖަމާނު އަހުމަދު ފަޒާލް ވިދާޅުވީ ހަމަނުޖެހުން ހިނގަން މެދުވެރި ސަބަބަކީ މިނިސްޓްރީގައި މީހުން ގިނަވެ، ހިދުމަތް ލިބުން ލަސްވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ފްލެޓް ލިޔުން ހަވާލު ކުރަން އެ މިނިސްޓްރީން ގުޅަމުން ދަނީ ލިޔުން ތައްޔާރު ކުރުމަށްފަހު ކަމަށެވެ. ނަމަވެސް ފޯން ކޯލް ނުލިބޭ މީހުން ވެސް މިނިސްޓްރީއަށް ގޮސް ފްލެޓް ލިބުނު ކަމުގެ ލިޔުން ހޯދުމަށް އެދޭ ކަމަށް ފަޒާލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނުގުޅާ މީހުން ވެސް އަންނަމުންދަނީ. އަދި ފްލެޓް ނުލިބޭ މީހުން ވެސް އަންނަމުން ދަނީ. އެހެން އުޅެމުން ދޮރެއް ކޮއްޕާލި ގަޑީގައި ބިއްލޫރިގަނޑު ތެޅުނީ،" ފަޒާލް ވިދާޅުވި އެވެ.

ބިއްލޫރި ދޮރު ތެޅުމުގެ ސަބަބުން ހައުސިން މިނިސްޓްރީގެ މުވައްޒަފަކަށް ވަނީ އަނިޔާވެފަ އެވެ. އެކަމަކު އެއީ މާ ބޮޑު އަނިޔާއެއް ނޫންކަން އެނގިފައިވެ އެވެ. އޭނާއަށް މިހާރު ވަނީ ފަރުވާދީފަ އެވެ.
ހައުސިން މިނިސްޓްރީ އަށް އެއްވެފައިވާ މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
އެކަމަކު ފުލުހުން މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ ފުލުހުންގެ ކޮމެންޓެއް ނުލިބުނެވެ.
ސޯޝަލް ހައުސިން ސްކީމުގެ ދަށުން ދޫކުރި 7،000 ފްލެޓް ލިބުނު މީހުންނަށް ލިޔުން ހަވާލު ކުރުމުގެ މަސައްކަތް މިރޭ 12 ޖަހަންދެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
މާދަމާ ސަރުކާރާ ހަވާލުވެވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ޓްރާސިޝަން ކޮމެޓީން މިދިޔަ ހަފްތާގައި ބުނެފައި ވަނީ ފްލެޓް ހަވާލު ކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީން ކުރިއަށް ގެންގޮސްފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.
ޓްރާންސިޝަން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ފްލެޓަށް ފޯމު ހުށަހެޅި މީހުންނަށް މާކްސް ދިން ނަމަވެސް ފްލެޓް ހަވާލު ކުރަނީ މާކްސް ލިބޭ ގޮތަށް ބަލައިގެން ނޫން ކަމަށެވެ.
އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މީގެ ކުރިން ވިދާޅުވެފައި ވަނީ ފްލެޓް ދޫކުރުމުގައި ކަންކަން ކޮށްފައިވާ ގޮތް އާ ސަރުކާރުން ތަހުގީގު ކުރާނެ ކަމަށެވެ. އަދި ފްލެޓަށް އަދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށް ވެސް މާރިޔާ ވިދާޅުވެފައިވެ އެވެ.