އިމްރާން މިނިސްޓަރު ކަމަށް، އެކަމަކު ޝަރުތު ހަމަވޭތަ؟

އާ ސަރުކާރުގެ ހޯމް މިނިސްޓަރުކަން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަށް ދެއްވިި ނަމަވެސް، އަދިވެސް ހުކުމެގައި ހުންނެވި ބޭފުޅަކަށް ވާތީ، ޝަރުތު ހަމަވޭތޯއާ މެދު ސުވާލު އުފެދިއްޖެ އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނުހައްގުން އަދި ބޭއިންސާފުކޮށް ހުކުމް އިއްވާފައިވާ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމްރާނަށް ޓެރަރިޒަމްގެ ކުށުގައި ކުރިމަތިވެވަޑައިގެންނެވި 12 އަހަރުގެ ޖަލު ހުކުމް، ސުޕްރީމް ކޯޓުން އަދި ބާތިލެއް ނުކުރެ އެވެ.

ރިޔާސީ އިންތިހާބުން ޔާމީން ބަލިވުމާ އެކު، ސުޕްރީމް ކޯޓުން އިމްރާން ވެސް ދޫކޮށްލާފައި ހުރީ، އޭނާގެ މައްސަލަ އަލުން ބަލައި ގޮތެއް ނިމެންދެންނެވެ. އެހެންކަމުން، ގާނޫނީ ބައެއް މީހުންގެ ނަޒަރުގައި، އިމްރާން އަދިވެސް ހުންނެވީ އެ ހުކުމުގަ އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ ނަމަ ވަޒީރަކަށް ވެވޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމް މައާފުކުރެވުނާ ތިން އަހަރު ވުމުންނެވެ.

އިމްރާންގެ 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ސުޕްރީމް ކޯޓުން އޮތީ ފަސްކޮށްފަ އެވެ. ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން، އެ ހުކުމުގެ ދަށުން އިމްރާނާ މެދު އެއްވެސް ފިޔަވަޅެއް ނާޅަން ސުޕްރީމް ކޯޓުގެ އަމުރުގައި އަންގާފައިވެ އެވެ. އެކަމަކު އިމްރާންގެ ޖަލު ހުކުމް އަދިވެސް ސުޕްރީމް ކޯޓުން ބާތިލެއް ނުކުރެ އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވީ އިމްރާނަށް މިވަގުތު އެ މަގާމު އަދާކުރެއްވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. ސަބަބަކީ އިމްރާންގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރިޔަސް، އެ ހުކުމް މިހާތަނަށް ބާތިލްކޮށްފައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިމްރާންގެ ޖަލު ހުކުމް ރަނގަޅަކޭ ނޫން މި ދަންނަވަނީ. އެކަމަކު އެ ހުކުމް ދެމި އޮތްހާ ހިނދަކު ސުވާލު އުފެއްދިދާނެ ކަމެއް އެއީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެހެން ވަކީލަކު ވިދާޅުވި ގޮތުގައި އިމްރާން އެ މަގާމަށް ޝަރުތު ހަމަވާ ކަމަށް ވަގުތީ ގޮތުން ބެލެވިދާނެ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ހުކުމް ތަންފީޒު ކުރުން ފަސްކޮށް، އެ ހުކުމުގެ ދަށުން އިމްރާނާ މެދު ފިޔަވަޅެއް ނާޅަން އެ އަމުރުގައި އަންގާފައި އޮތުމެވެ. އެހެންވެ، ޖަލު ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ހަމައަށް އިމްރާނަށް އެ މަގާމުގައި ވަޒީރުކަމުގައި ދެމިހުންނެވޭނެ ކަމަށް އެ ވަކީލް ދެކެވަޑައިގަންނަވަ އެވެ.

"އެކަމަކު ތިއީ ވަރަށް ބޮޑަށް ބަހުސް ކުރެވިދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އިމްރާންގެ މައްޗަށް ޖަލު ހުކުމް އިއްވީ މެއި، 2015 ގައި، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވައި ވާހަކަ ދެއްކި ކަމަށް ބުނެ އެވެ. އެ މައްސަލާގައި އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އިމްރާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އޭރު އެ ކޯޓުން އޮތީ ނިންމައިފަ އެވެ.

އެކަމަކު، އިންތިހާބުން ޔާމީން ބަދަލުވުމާ އެކު، އެ ނިންމުން ރިވިއުކުރަން އިމްރާންގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މިހާރު އޮތީ ބަލައިގެންފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން އަދި ނުފަށަ އެވެ.