ޚިޔާނާތްތައް ބަލަން ކޮމެޓީއެއް އުފައްދައި މަސައްކަތް ފަށަނީ

ދައުލަތުގެ ތެރޭގައި ހިންގާފައިވާ ހިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ސަރުކާރުގެ ފުރަތަމަ ދުވަހު، ހާއްސަ ކޮމެޓީއެއް އުފައްދައި މަސައްކަތް ފައްޓަވަން، މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.


އެ މަނިކުފާނު މަގާމުގެ ހުވާ ކުރައްވައި ގައުމާ މުޚާތަބު ކުރެއްވި އިރު، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ބައެއް ކަންތައްތައް ވިދާޅުވި އެވެ. އޭގެ ތަފްސީލު ހިމެނޭ ގޮތުން ރައީސް އޮފީހުން މިއަދު އިއުލާން ކުރި، ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، ކޮރަޕްޝަން ބެލުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާނެ ކަމަށް ބުނެފައި އޮތަސް އެ ކޮމެޓީއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުދެ އެވެ.

ނިމިދިޔަ އަބްދުﷲ ޔާމީންގެ ސަރުކާރަށް ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އިރު އެ ކަންކަން ބަލައި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދައި ދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

މިދިޔަ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންތަކުގެ ތެެރޭގައި އެމްއެމްޕީއާރްސީގެ 1.2 ބިލިއަން ރުފިޔާ (80 މިލިއަން ޑޮލަރުގެ) ހިޔާނާތުގެ މައްސަލަ ހިމެނެ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް ހިންގާފައިވާ އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލައިގައި މިދިޔަ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ޕީޕީއެމްގެ އިސް ބޭފުޅުންނަށް ގިނަ ތުހުމަތުތަކެއް ކުރެވެ އެވެ. އެ މައްސަލައިގައި ޝަރީއަތް ކޮށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ވަނީ އެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލަތަކެއްގެ ތުހުމަތު ކުރެވޭ އިރު ސަރުކާރު ކުންފުނިތަކުގައި ވެސް ގިނަ ކޮރަޕްޝަންގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. އޭގެ ތެރޭގައި ސިޔާސީ ނުފޫޒުން ގިނަ ކަންތައްތަކެއް ކުރުން ހިމެނެ އެވެ.

ކޮރަޕްޝަން ހުއްޓުވުމަށް އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިތުރު ކަންތައްތަކެއް ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ބިދޭސީންނަށް ކޯޓާ ދިނުމާއި ބިދޭސީންނާ ގުޅޭ އެކި ކަންކަމުގައި ހިންގާ ކޮރަޕްޝަންތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުން ހިމެނެ އެވެ.

ސަރުކާރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް ގާނޫނެއް މަޖިލީހަށް ހުށަހެޅުން ވެސް ހިމެނެ އެވެ. އަދި މުއައްސަސާތައް މިނިވަންކޮށް ހިންގޭނެ ގޮތަށް ހެދުމަށް ގާނޫނެއް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ. އަދި ރިޝްވަތު ހިފާ މީހާ އާއި ރިޝްވަތު ދޭ މީހާ ކުށްވެރިވާ ގޮތަށް އެންޓި ކޮރަޕްޝަން ގާނޫނަށް އިސްލާހު ހުށަހަޅަން ވެސް ހިމަނާފައިވެ އެވެ.

އާ ސަރުކާރުގެ އިދާރާތަކަށާއި ކުންފުނިތަކުގެ އިތުރުން މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ މީހުންނާއި އެ މީހުންގެ އާއިލާ މީހުންގެ މާލީ ބަޔާން ހާމަ ކުރުމާއި ގަވައިދުން ރިވިއުކުރުން ހިމެނެ އެވެ.

ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާއި އާއްމުންގެ ހިޔާލުތައް ހުށަހެޅޭނެ ފަސޭހަ ނިޒާމެއް ގާއިމް ކުރާނެކަން ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އަދި "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން"ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފެށުމަށް ވަނީ ނިންމާފަ އެވެ.